ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖޯންހޮޕްކިންސް ޔުނިވަރސިޓީން މުޅިދުނިޔޭގެ ކިޔަވާ ކުދިންނަށް ހުޅުވާލައިގެން ހޮވާ އެންމެ "ބްރައިޓް" ނުވަތަ ވިސްނުން ރަނގަޅު ކުއްޖަކަށް, އެމެރިކާގައި ދިރިއުޅޭ އިންޑިޔާ ދަރިކޮޅުގެ ނަތާޝާ ޕެރިއަނާޔަގަމް ހޮވިއްޖެއެވެ.

Ads by Sosun Fihaara

މިއީ އުމުރުން 13 އަހަރުގެ ނަތާޝާއަށް މިޝަރަފް ލިބުނު ދެވަނަ ފަހަރެވެ. މިމަގާމަށް ނޮމިނޭޓް ކުރަނީ ވަކިޚާސް އެސެސްމަންޓް ޓެސްޓްތަކަކުން ހޮވޭ ކުއްޖެކެވެ. މި ޝަރަފް ނަތާޝާއަށް 2021 ވަނަ އަހަރުވެސް ލިބިފައި ވެއެވެ. އެއަހަރު ގްރޭޑް ފަހެއްގައި އުޅެމުން ހެދި ޓެސްޓުންވެސް ގްރޭޑް 8ގެ ކުއްޖެއްގެ ފެންވަރު ހުރިކަމަށް ވެއެވެ. މި ފަހަރުވެސް ސްކޫލް އެންޑް ކޮލެޖް އެބިލިޓީ ޓެސްޓް ހިމެނޭގޮތުން އޭނާ ހެދި އެތައް ޓެސްޓަކުން ވަނީ ވަރަށް މަތިން މާކްސް ހޯދާފައެވެ. މިއަހަރު ނޮމިނޭޓް ވެފައިވަނީ 76 ގައުމަކުން 15،000ށްވުރެ ގިނަ، ކިޔެވުމަށް މޮޅު ކުދިންގެ ތެރެއިން ހޮވާލެވިގެންނެވެ.

ނަތާޝާގެ މައިންބަފައިންނަކީ އިންޑިޔާގެ ޗެންނާއީއަށް ނިސްބަތްވާ ބަޔަކަށް ވާއިރު، ނަތާޝާ ބުނިގޮތުގައި ހުސްވަގުތު އޭނާ ކުރާހިތްވާ ކަމަކީ ކުރެހުމާއި ފިލޯސޮފީގެ ރޮނގުން ފާހަގަކޮށްލެވުނު ލިއުންތެރިޔާ ޖޭ.އާރު.އާރު ޓޯކީންގެ ފޮތްތައް ކިއުމެވެ. ދަ ހޮބިޓް އަދި ލޯޑް އޮފް ދަ ރިންގްސް ފަދަ މަގްބޫލް ފޮތްތައް ލިޔެފައިވަނީ ޓޯކީންއެވެ.

ޖޯންހޮޕްކިންސް ޔުނިވަރސިޓީން ހޮވާ އެންމެ "ބްރައިޓް" ކުއްޖާ ހޮވަނީ ކުއްޖާގެ އުމުރަށްވުރެ މަތީ ޓެސްޓްތަކެއް ދީގެންނެވެ. ޖޯންހޮޕްކިންސް ޔުނިވަރސިޓީގެ ސެންޓަރ ފޯ ޓެލެންޓަޑް ޔޫތުން ބުނީ މިއީ ހަމަ އެކަނި އެންމެ ޓެސްޓްތަކެއްގެ ނަތީޖާ ފާހަގަކުރުން ނޫންކަމަށާއި، ކުދިންގެ ކިބާގައި ހުންނަ ކަންކަން ބަލައި ދެނެގަތުމުގެ ހުނަރު އިތުރަށް ފުރިހަމަކުރުމަށް ހިތްވަރުދީ، ޒުވާން އުމުރުގައި ގިނަ މައުލޫމާތުތަކެއް އެއްކޮށްފައި ވާތީ އެކަމަށް ދެވޭ ސެލިއުޓެއް ކަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!