ޚަބަރު

ދަޢުލަތުގެ ޚަރަދު ކުޑަ ކުރުމަށް ބޭކާރު ކުންފުނިތައް އުވައިލާން ޖެހޭ: އުޝާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބޭކާރު ކުންފުނިތައް އުވައިލުމުން، ދަޢުލަތަށް ލިބޭ ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އުޝާމް މިހެން ވިދާޅުވީ އަމީނީ މަގުގައި ތާރު އެޅުމުގެ މަޝްރޫއު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ނުނިންމުމުން، އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލު ކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެމްޓީސީސީން ބުނަނީ، ތިން ދުވަހުގެ ތެރޭގައި، ސްޓެލްކޯއާ ހަމައަށް އަމީނީ މަގުގައި ތާރު އަޅައި ނިންމައިލާނެ ކަމަށެވެ.

އުޝާމް ވިދާޅުވީ މި ކަމުންވެސް އެނގެނީ އާރްޑީސީ އަކީ ނާޤާބިލު ކުންފުންޏެއްކަން ކަމަށެވެ. އަދި ދަޢުލަތުގެ ޚަރަދު ކުޑަ ކުރުމުގެ ގޮތުން، މިފަދަ ބޭކާރު ކުންފުނިތައް އުވައިލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އާރުޑީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް ލަސްވާތީ، މަސައްކަތް އަވަސްކުރުމަށް، އެ މަގުގައި ތާރުއެޅުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހުކުރު ދުވަހު އެމްޓީސީސީން އެ މަގުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފަށައި، އާރުޑީސީން ޕޭވިންގެ މަސައްކަތް ނިންމާފައި އޮތް ފުރަތަމަ ސެގްމަންޓްގައި މިހާރު އޮތީ ތާރުއެޅުމުގެ ކުރިން އަޅަންޖެހޭ އެބީސީ ފަށަލަ ވެސް ލައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!