ޚަބަރު

ބޯޓުގެ މައްސަލައިގައި ބައްޕައާ ދެކޮޅަށް ކައިޒީން އެދުނު އަމުރު ކޯޓުން ނެރެނުދިން

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ މަޝްހޫރު މޮޑެލް ކަމަށްވާ ފާތިމަތު ޒަޔާން (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ދައުވާކުރާ މައްސަލާގައި ކައިޒީންގެ ފަރާތުން އެދުނު އަމުރު މިފަހަރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

Ads by Sosun Fihaara

ބައްޕައާ ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހު ކައިޒީން ކޮށްފައިވާ ދަޢުވާގައި ބުނެފައިވަނީ ބޯޓެއް ގަތުމަށް އޭނާގެ ބައްޕައަށް 3،600،000 ރުފިޔާ ހަވާލު ކުރުމުން އެ ބޯޓު ގަނެ، ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާތީ ބޯޓުގެ މިލްކުވެރި ފަރާތަކީ ކައިޒީން ކަމާއި ބޯޓު އޭނާގެ ނަންމައްޗަށް ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ.

މި ދަޢުވާއާ ގުޅޭ ގޮތުން ކައިޒީންގެ ބައްޕަ ބުނެފައިވަނީ ވަގުތީ އަމުރަށް އެދި ހުށަހެޅި ހުށަހެޅުމުގެ އެއްވެސް ޤާނޫނީ އަސާސެއް ނެތް ކަމަށެވެ. އަދި ވަގުތީ އަމުރެއް ނެރެފި ނަމަ އުފުލަން ޖެހޭނީ ނުހައްޤު ތަކުލީފެއް ކަމަށާއި އިސްލާމީ ޝަރީޢަތުގައި ދަރިންގެ މުދާ މައިންބަފައިން ބޭނުންކުރުމާމެދު އައިސްފައިވާ ޙަދީޘް، މި މައްސަލައިގައި ކުރިމަތިވެފައިވާ ޙާލަތައް ތަޠުބީޤު ކުރެވިދާނެ ކަަމަށް ކައިޒީންގެ ބައްޕަ ބުނެފައިވެއެވެ.

ކައިޒީންގެ ފަރާތުން މިފަހަރު އެދިފައިވަނީ އެ ބޯޓު ކައިޒީންގެ ނަމަށް ބަދަލު ކުރުމަށާއި ބޯޓުގައިވާ ތަކެތި އޭނާއާ ހަވާލު ކުރުމުގެ އަމުރެއް ނެރުމަށެވެ. އެހެންނަމަވެސް ސިވިލް ކޯޓުން މިއަދު ނިންމީ އެކަމަކީ މައްސަލަ މައުޟޫއީ ގޮތުން ނިމިގެންދާއިރު ގޮތް ކަނޑައެޅިގެންދާނެ ކަންކަން ކަމަށްވާތީ އެފަދަ އަމުރެއް މިވަގުތު ނުނެރެވޭނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!