މައްސަލަ ބޭރުކޮށްލުމަށް މެޖޯރިޓީ ޕާޓީން ވިޕް ނެރެފައިވަނިކޮށް، މައްސަލަ ބަލައިގަނެފި
މަސްތުވާތަކެއްޗާއެކު ރާއްޖެ އައި ބިދޭސީއަކު ފުރުވާލި މައްސަލާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރު ކޮށްލުމަށް އެ ޕާޓީން ވިޕެއް ނެރެފައި ވަނިކޮށް، އެ މައްސަލަ މަޖިލިހުގައި ކުރިއަށް ގެންދަން މިއަދު ފާސްކޮށްފިއެވެ.
މެމްބަރު ހަސަން ލަތީފް މިއަދު މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައިވަނީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރާއި 2018 އަހަރުވެސް އެމްޑީޕީން އެކުލަވާލި މެނިފެސްޓޯތަކުގައި ސާފުކޮށް ބަޔާންކުރާ އެއް ކަމަކީ ދިވެހި ޒުވާން ޖީލު މަސްތުވާތަކެތީގެ ޝިކާރައަށްވެ އެ ޖީލު ހަލާކުވެ ނެތި ދިޔުމުން ސަލާމަތް ކުރުން ކަމަށެވެ.
"އެހެންނަމަވެސް އިސްވެ ދެންނެވި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތާއި ސީދާ އިދިކީއްޔަށް، ސަރުކާރުން ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރާ ބިދޭސީންނަށް ފަސޭހަ ކަމާއެކު، ބިރެއް ނެތި އެ ވިޔަފާރި ކުރެވޭނެ ގޮތަށް އަދި އެ ވިޔަފާރިއަށް ހިތްވަރު ލިބޭނޭ ގޮތަށް ސިޔާސަތުތައް ކަނޑައަޅައި ދިވެހިސަރުކާރުގެ ޖެޒެޓުގައި ޝާއިއުކޮށްފައެވެ" ހަސަން ލަތީފް ހުށައެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައިވެއެވެ.
އެހެނަމަވެސް މިއީ އެމްޑީޕީގެ މެމްބަރުން މަޖިލީހަށް މައްސަލަތައް ހުށަހަޅަން އަމަލު ކުރުމަށް އޮންނަ އާންމު އުސޫލާ ހިލާފަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަކަށް ވާތީ މި މައްސަލަ ބޭރުކޮށްލުމަށް "ރަތަށް ފިތުމަށް" އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ވިޕެއް ނެރުއްވާފައެވެ.
މިމައްސަލަ މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ބަލަން ނެގި ވޯޓުގައި ބައިވެރިވި 41 މެމްބަރުންގެ ތެރެއިން 24 މެމްބަރުން ވަނީ ބަހުސް ކުރަން ފެންނަ ކަމަށް ވޯޓް ދެއްވާފައެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ 16 މެމްބަރެކެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ނުފެންނަ ކަމަށް ވެސް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.