ދުނިޔެ

އިންޑިއާއިން ޑިފެންސް އެކްޕޯޓް ފުޅާކުރުމުގެ މަސައްކަތް ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިންޑިއާއިން އަހަރަކު ބޭރުކުރާ ދިފާއީ އާލާތްތައް މިހާރަށްވުރެ ތިން ގުނައަށް ވުރެ އިތުރުކޮށް، އެއިން ލިބޭ އާއްމުދަނީ 5 ބިލިޔަނަށް ހެދުމަށް އިންޑިއާއިން މަސައްކަތް ފަށައިފިއެވެ.

Ads by Sosun Fihaara

މިކަން ހާމަކޮށްފައިވަނ ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެރޯ އިންޑިއާ އިވެންޓުގައި، އެ ޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.

ޒަމާނުއްސުރެ ދުނިޔޭގައި ދިފާއީ އާލާތްތައް އެންމެ ގިނައިން އެތެރެކުރާ އެއް ގައުމަކީ އިންޑިއާ ނަމަވެސް ދުނިޔޭގެ ހަތިޔާރު އެކްސްޕޯޓު ކުރާ ބާޒާރުގައި އެ ގައުމުގެ އޮތީ ވަރަށް ފަހަތުގައެވެ.

"މިއަދު އިންޑިއާއަކީ ހަމައެކަނި ދިފާއީ ކުންފުނިތަކުގެ މާކެޓެއް ނޫން، ޑިފެންސް ޕާޓްނަރަކަށް ވެސްމެ،" މޯދީ ދެއްވި ތަގުރީރުގައި ވިދާޅުވިއެވެ. "އިންޑިއާގެ ޕްރައިވެޓް ސެކްޓާއަށް އަޅުގަނޑު ގޮވާލަން މިގައުމުގެ ދިފާއީ ދާއިރާއަށް އިތުރަށް އިންވެސްޓް ކުރުމަށް."

އިންޑިއާއިން 75 ގައުމަކަށް ދިފާއީ އުފެއްދުންތައް އެކްސްޕޯޓް ކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ކުރީގެ އެކްސްޕޯޓްތަކުގެ ތެރޭގައި ހިންދުސްތާން އެރޮނޯޓިކްސް (އެޗްއޭއެލް) އިން ފިލިޕީންސް، މޮރިޝަސް އަދި އިކުއެޑޯއަށް ދުރޫވް ހެލިކޮޕްޓަރު އަދި ރަޝިއާ-އިންޑިއާ ވެންޗާ ބްރަހްމޯސް އެރޯސްޕޭސްގެ ސުޕަސޮނިކް ކްރޫޒް މިސައިލް ފިލިޕީންސަށް ވަނީ ވިއްކާފައެވެ. މީގެ އިތުރުން އެޗްއޭއެލް އިން ވަނީ މެލޭޝިއާއަށް ވިއްކުމަށް އެ ކުންފުނީގެ ތޭޖާސް ލައިޓް ފައިޓާ ޖެޓް ވެސް ހުށަހަޅައިފައެވެ.

މީގެ އިތުރުން އިންޑިއާއިން ވަނީ އޮފްޝޯ ޕެޓްރޯލް އުޅަނދުފަހަރާއި ކޯސްޓަލް ސަވައިލަންސް ސިސްޓަމްތަކާއި އެވިއޮނިކްސް އާއި ޗާފް ރޮކެޓް ލޯންޗާއަދި ރާޑަރުތަކަށް ބޭނުންވާ ސްޕެއާފަދަ ތަކެތި އެކްސްޕޯޓްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!