ޚަބަރު އިޖުތިމާޢީ

މިދިޔަ ޖެނުއަރީ މަހު ރޯގާޖެހިގެން 29000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދެއްކި: އެޗްޕީއޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އައިޖީއެމްއެޗް ހޮސްޕިޓަލު/ ފޮޓޯ: ދެން އިމޭޖްސް

މިދިޔަ ޖެނުއަރީ މަހު ރޯގާޖެހިގެން 29000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވާކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖެނުއަރީ މަހު ރޯގާޖެހިގެން ޑޮކްޓަރަށް ދައްކައިގެން 29307 މީހަކުވަނީ ފަރުވާ ހޯދައިފައެވެ. އެޗްޕީއޭއިން ބުނިގޮތުގައި ވޭތުވެ ދިޔަ އަހަރުތަކުގެ މިދުވަސްވަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ގިނަ ނަމަވެސް މިދިޔަ ޑިސެމްބަރު މަހާ އަޅާބަލާއިރު ޖެނުއަރީ މަހު ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ މަދުވެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޖެނުއަރީ މަހު އިންފުލުއެންޒާއަށް ޝައްކު ކުރެވިގެން 115 މީހުން ޓެސްޓް ކުރެވިފައިވެއެވެ. އަދި މީގެ ތެރެއިން 19 މީހުން ވަނީ ބައްޔަށް ޕޮސިޓިވްވެފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތައް ވުރެ އިތުރު އަދަދެކެވެ. އަދި މިދިޔަ ޖެނުއަރީ މަހު 195 މީހަކަށް ޑެންގީ ހުން ޖެހިފައިވާއިރު 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ޑެންގީ ހުން ޖެހިފައި ވަނީ 22 މީހުންނަށެވެ.

އެޗްޕީއޭއިން މިއަދު އާއްމުގެ ރޯގާގެގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ޙާލަތާބެހޭ ރިޕޯޓުގައިވަނީ ޑެންގީ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ކަންކަން ކިޔައި ދެއްވާ އެކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަގަޅަށް ނިވައިވާ ގޮތަށް ހެދުންއެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުން ކުރުމަށާއި ފަތިސް ގަޑީގައި އަދި ހަވީރުގަޑިއާއި  އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއިހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ.

އަދި ހަމައެހެންމެ  އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިބިހި އަޅާއިރު އަގަމަތީގައާއި ނޭފަތުގައ ޓިޝޫއެއް ފަދަ އެއްޗެއް އެޅުމަށާއި އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުމަށް އެއިދާރާއިން ވަނީ އިރުޝާދުދެއްވާފައެވެ. މީގެ އިތުރުން ޢާއްމު ސާފުތާހިރުކަމަށް، ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުމަށާއި ރޯގާޖެހި ކެއްސާނަމަ ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހަމައެހެންމެ ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުމަށާއި ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން މުހިންމުކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!