އެންމެ މޮޅު ކުޅުންތެރިއަކަށް ޗެތުރީ
އުރީދޫ ސާފް ޗެންޕިއަންޝިޕްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ މަޤާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޗެންޕިއަން އިންޑިއާގެ ކެޕްޓަން ސްނިލް ޗެތުރީ ހޯދައިފިއެވެ.
އެންމެ ގިނަ ގޯލް ޗެތުރީ ޖެހިއިރު، ދެވަނައަށް އެންމެ ގިނަ ގޯލް ޖަހައިފައި ވަނީ ރާއްޖޭގެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާޤް (ދަގަނޑޭ)އެވެ.
މި އަހަރު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ފަހު އޮތް ، ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން، ސާފްގެ ރައީސް ކާޒީ ޞަލާހުއްދީނެވެ. އަދި ރާއްޖޭގެ ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފްގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވަނީ އިނާމްތައް ހަވާލުކޮށްދެއްވައިފައެވެ.
އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމް ލިބުނު ސްނިލް ޗެތުރީ ވަނީ މި މުބާރާތުގައި ޖުމްލަ ފަސް ގޯލް ކާމިޔާބުކޮށްފައެވެ. ޗެތްރީއާ ވާދަކުރީ ތިން ގޯލް ކާމިޔާބުކުރި އަލީ އަޝްފާޤެވެ.
މިއަހަރުގެ މުބާރާތް އިންޑިއާއިން ކާމިޔާބުކޮށްފައި ވަނީ ފައިނަލްގައި ނޭޕާލް އަތުން 3-1ގެ ނަތީޖާއަކުން މޮޅުވެގެންނެެވެ. މިރޭގެ މެޗުގައި ވެސް ޗެތުރީ ވަނީ ސްކޯރކޮށްފައެވެ.