ޚަބަރު

ވީނުވީއެއް ނޭނގި ގެއްލުނު މީހުންގެ މައްސަލަތައް ބެލުމަށް ގޮވާލައި ހުށަހެޅި މައްސަލަ ބޭރު ކޮށްލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އާދަމް ޝަރީފު އުމަރު--

ވީނުވީއެއް ނޭންގި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތްތައް ހަރުދަނާކުރަން ކަމާބެހޭ ފަރާތްތަކަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

Ads by Hajj Corporation

މި ކުއްލި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް 18 މެމްބަރުން ވޯޓު ދެއްވިއިރު،  މައްސަލަ ބަލައިގަތުމާ ދެކޮޅަށް 29 މެންބަރުން ވޯޓު ދެއްވިއެވެ.

ކުއްލި މައްސަލަައިގައި އާދަމް ޝަރީފް ވަނީ އއ. މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ، އެރަށު ރިވެލި، ހަސަން އަލީ އާއި މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއިލް ފާހަގަކުރައްވައިފައެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވަނީ، ވީނުވީއެއް ނޭންގި ގެއްލެމުންދާ ދިވެހިންގެ މައްސަލަތައް ގިނަވެ، އެކަމުގެ ސަބަބުން މުޖުތަމަޢުގައި ބިރުވެރިކަމާއި ކަންބޮޑުވުމާއި ހިތްދަތިކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި، ގެއްލިފައިވާ މީހުން ހޯދުމުގައި ސަރުކާރުން އެންމެ އެދެވޭގޮތުގައި މަސައްކަތް ކުރަމުންނުދާ ކަމަށެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ މިފަދަ ސީރިއަސް މައްސަލަތައް ތަހުޤީޤުކުރުމުގައި،  މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ލިބެންހުރި ހުރިހައި ވަސީލަތާއި ވަގުތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ނުހިފޭކަމާއި ނިޒާމުގެ ތެރެއިން ލިބެންހުންނަ ހެއްކާއި ގަރީނާ ހޯދުމުގައި ސަރުކާރުން އަމަލުކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!