އިންޑިއާގެ ބީބީސީ އޮފީހަށް ޓެކްޓް ޑިޕާޓްމެންޓުން ވަދެއްޖެ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ގުޖުރާތު ގަތުލުއާންމާ ގުޅުވައި ބީބީސީން ދެއްކި ފިލްމެއްގެ މައްސަލަ ހޫނުވެފައި ވަނިކޮށް އިންޑިއާގައި ހުންނަ ބީބީސީ އޮފީސް، އެގައުމުގެ ޓެކްސް ޑިޕާޓުމަންޓުން ވަދެ ސާޗްކޮށްފިއެވެ.
އިންޑިއާގެ ދިއްލީ އާއި ބޮމްބޭގައި ބީބީސީގެ އޮފީސް ހުރެއެވެ.
ބީބީސީ އާއި އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައި ވާ ގޮތުގައި އެތަންތަން ބަލައި ފާސްކުރީ، ސީދާ ކޮން މައްސަލައަކާ ގުޅިގެންކަން ސާފު ނުވިނަމަވެސް އޮފިޝަލުން ވަދެ ބީބީސީގެ ކޮމްޕިއުޓަރުތަކުގައި ސާޗް ކޮށްފައި ހުރީ "ޓެކްސް" އެ ބަސް ކަމަށާއި ޓެކްސް ޑިޕާޓުމަންޓުގެ އޮފިޝަލުންނަށް ބީބީސީން ފުރިހަމައަށް އެއްބާރުލުން ދިން ކަމަށް ބުނެފައި ވެއެވެ.
މޯދީ ފިލްމް، "އިންޑިއާ:ދަ މޯދީ ކްއެސްޝަން" ބީބީސިން ދެއްކުމާއެކު އިންޑިއާ ރުޅިގަދަވެ، ބީބީސީ އާއި އިނގިރޭސީންނަށް ފާޅުގައި ފާޑުކިޔާ، އެ ފިލްމު އިންޑިއާގައި ދެއްކުން މަނާ ކުރުމުގެ އިތުރުން އިންޑިއާގައި ބީބީސީ މަނާ ކުރަންވެސް ހިންދޫ ޖަމާއަތްތަކުން ކޯޓަށްވެސް ދިޔައެވެ. ނަމަވެސް ކޯޓުން ނިންމީ އިންޑިއާގައި ބީބީސީ އެއްކޮށް މަނާ ނުކުރެވޭނެ ކަމަށެވެ.
ޓެކްސް ޑިޕާޓުމަންޓުން ބީބީސީއަށް ވަން މައްސަލަ އިދިކޮޅު ކޮންގްރެސް އިން ވަނީ ކުށްވެރި ކޮށްފައެވެ. އަދި ބުނެފައި ވަނީ އެއީ ޑިމޮކްރަސީ އާ ބީރައްޓެހި ބިރުދެއްކުމުގެ އަމަލެއް ކަމަށާއި އެކަން ދިގު ދަންގައިގެން ނުތިބެބޭނެ ކަމަށެވެ.
މި މައްސަލަގައި ވެރިކަން ކުރާ ބީޖޭޕީގެ ތަރުޖަމާން ގައުރަވް ބާޓިއާ ވިދާޅުވީ، ބީބީސީ އަކީ ދުނިޔޭގައި އޮތް އެންމެ ކޮރަޕްޓް އޯގަނައިޒޭޝަން ކަމަށާއި ނަމަވެސް އިންޑިއާ އަކީ ހުރިހާ ޖަމާއަތްތަކަކަށް ވެސް ފުރުސަތު ދޭ ގައުމެއް ކަމަށެވެ. އަދި ބަލައި ފާސްކުރުން ހިންގީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެކަން ކުރި ވަގުތަކީ އުފެދިފައި އޮތް ނުތަނަވަސް ކަމާ ގުޅުމެއް އޮތް ވަގުތެއް ނޫން ކަމަށެވެ.
މިކަމާ ގުޅިގެން އިންޑިއާގެ އެޑިޓާސް ގިލްޑުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައެވެ. އެ ބަޔާނުގައި ބުނީ، ސަރުކާރަށް ފާޑުކިޔައި ނުވަތަ ސަރުކާރުން ހިތްހަމަ ނުޖެހެނޭ ނޫސް އިދާރާތަކަށް ބިރުދެއްކުމުގެ ސަގާފަތެއް ހިނގަމުން އަންނަ ކަމަށެވެ. އެމްނެސްޓީ އިންޑިއާއިން ވެސް ވަނީ ޓެކްސް ޑިޕާޓުމަންޓްގެ އެ އަމަލު ކުށްވެރިކޮށް އެއީ ބިރުދެއްކުން ކަމުގައި ބުނެފައެވެ.
ބީބީސީގެ ފިލްމުގައި ކިޔައިދެނީ މޯދީ ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ހުންނެވި އިރު ހިންގި ގަތުއުއާންމުގައި ގިނަ ބަޔަކު މަރުވެގެން ދިޔުމުގައި މޯދީގެ ޒިންމާތަކެއް އޮތް ކަމަށެވެ. ނަމަވެސް އެވާހަކަތައް އިންޑިއާ ސަރުކާރާއި މޯދީ ވަނީ ދޮގުކުރައްވައި ބީބީސީއަކީ އިނގިރޭސި އިސްތިއުމާރީ ސިފަތައް ޖައްސާ އަސްލެއް ނެތް ވާހަކަ ފަތުރާ ބައެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.