ދުނިޔެ

ފުއްޕާހަން ފޮނުވި މައްސަލައިގައި ޗައިނާއިން ރައްދުދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާއިން ފޮނުވި ގިނަ ޢަދަދެއްގެ ޖާސޫސީ ބެލޫން ނުވަތަ ޖާސޫސީ އާލަތްތައް ހަރުކޮށްފައިވާ ފުއްޕާހަންތައް ޗައިނާގެ ވައިގެ ސަރަޙައްދަށް ވަދެފައިވާ ކަން ޗައިނާއިން ހާމަކޮށްފިއެވެ. ޗައިނާއިން ފޮނުވި އެ ފަދަ ފުއްޕާހަމެއް އެމެރިކާގެ ވައިގެ ސަރަޙައްދަށް ވަނުމުން، އޭތި ވައްޓައިލި މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި ވަނީ ނުތަނަވަސްކަން އުފެދި، ބަހުގެ ހަމަލާތައް އިތުރުވެފައެވެ.

Ads by Sosun Fihaara

އެމެރިކާގެ އަމަލުތަކަށް ފާޑުކިޔަމުން ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ، 2022 ވަނަ އަހަރު އެމެރިކާއިން ފޮނުވި 10 ފުއްޕާހަން ޗައިނާގެ ސަރަޙައްދުގެ ތެރެއަށް ވަދެ، ޗައިނާގެ މަތިން ދަތުރުކޮށްފައިވާ ކަމުގައެވެ. ޗައިނާގެ ޖާސޫސީ ފުއްޕާހަން އެމެރިކާގެ ސަރަޙައްދަށް ވަދެފައި ވަނީ ފެބްރުވަރީ މަހުގެ ކުރީކޮޅެވެ. އަދި، މޮންޓާނާގެ މަތިން ދަތުރުކުރި އެ ފުއްޕާހަން، އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކުން ވަނީ ވައްޓައިލާފައެވެ.

އޭގެ ފަހުން ވެސް އެ ފަދަ ފުއްޕާހަންތަކެއް އެމެރިކާއާއި ކެނެޑާގެ ވައިގެ ސަރަޙައްދުން ފެނި، އެ ތަކެތި ވަނީ ވައްޓައިލާފައެވެ. ނަމަވެސް، ފަހުން ފެނިފައި ވަނީ ޗައިނާގެ ފުއްޕާހަންތަކެއް ކަން އެ ޤައުމުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި، އެއީ ޗައިނާގެ އެއްޗެހިތަކެއް ކަމަށް ކުރާ ތުހުމަތުތަކަށް އެއްބަސްވެފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާއިރު، ޗައިނާއިން ބުނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް، އެމެރިކާގެ 10 އަށްވުރެ ގިނަ އެ ފަދަ ޖާސޫސީ ފުއްޕާހަން ޗައިނާގެ ވައިގެ ސަރަޙައްދަށް ވެސް އެތެރެވެފައިވާ ކަމުގައެވެ. އަދި، މިއީ ޢާންމުންކޮށް އެމެރިކާއިން ވެސް ހިންގާ އަމަލެއް ކަމުގައި ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވޮންގް ވެންބިން ވިދާޅުވިއެވެ.

"ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގެ 10 ޖާސޫސީ ފުއްޕާހަން ޗައިނާގެ ވައިގެ ސަރަޙައްދަށް ވަނީ ވަދެފައި. އެ ތަކެތި އެމެރިކާއިން ފޮނުވާފައި ވަނީ ޗައިނާގެ ހުއްދައަކާ ނުލައި. އަދި، ޗައިނާގެ ސަރަޙައްދަށް އެތެރެވެފައި ވަނީ ވެސް ނަގަންޖެހޭ ހުއްދަތަކާ ނުލައި،" ވެންބިން ވިދާޅުވިއެވެ.

އެ ހާލަތްތަކުގައި ޗައިނާއިން އަމަލުކޮށްފައި ވަނީ ވަރަށް "ޕްރޮފެޝަނަލްކޮށް" ކަމުގައި ވިދާޅުވެ، ވެންބިން ވަނީ، ޗައިނާގެ ޖާސޫސީ ފުއްޕާހަން ވައްޓައިލި މައްސަލައިގައި އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި، އެއާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ނޫސްވެރިން މަސައްކަތް ކުރުމުން، އެ މަޢުލޫމާތު އެމެރިކާއިން އޮޅުންފިލުވުމަށް އޭނާ ނޫސްވެރިން ގާތު އެދިވަޑައިގެންނެވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!