ވިލިމާލެ ބްރިޖް މަޝްރޫއަށް އިންޑިއާ އިންް 7.7 ބިލިއަން ރުފިޔާ އެހީ ދޭން ނިންމައިފި

މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލަދޭ ބްރިޖްގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ އެހީގެ ޕެކޭޖެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ މިއަދު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ އެސް ޖައިޝަންކަރާއެކު ބޭއްވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ކޯލްގައެވެ.
އިންޑިއާ ސަރުކާރުންދޭ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީގެ ކޮމްޕޯނަންޓް ހިމެނޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ހަތަރު ރަށެއް ގުޅުވާލާ، އިގްތިސާދީ ހަރަކާތްތައް އިތުރުކޮށް ވަޒީފާގެ ބާޒާރު ފުޅާކުރުމަށް މަގުފަހިކުރުވާނެ، މާލޭ ސަރަހައްދު އިތުރަށް ތަރައްގީ ކުރުމުގެ މި މަޝްރޫއު ވެގެންދާނީ ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޢުމްރާނީ ތަރައްގީގެ މަޝްރޫއު ކަމަށެވެ.
މި މަޝްރޫއުގެ 'ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް' (ޑީ.ޕީ.އާރް) ގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މަޝްރޫއުގެ ހުރިހާ މަސައްކަތެއް 2023 ވަނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.