ދުނިޔެ

އިމްރާން ޚާންގެ ޕާޓީން ޕާކިސްތާނުގައި "ޖަލުތައް ފުރާލަން" މުޒާހަރާ ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އިސްވެ ހުންނަވާ ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށްބުނެ، ޖަލުތައް ފުރާލުމުގެ ހަރަކާތެއް ފަށައިފިއެވެ.

Ads by Sosun Fihaara

ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން ބުދަ ދުވަހު އިރުމަތީގެ ސިޓީއެއް ކަމަށްވާ ލާހޯރުން މި ހަރަކާތެއް ފަށާފައިވާއިރު، މި ހަރަކާތައް ހުރަސް އެޅުމަށް ބައެއް ސަރަހައްދުތަކުގައި އާންމުން އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ.

އިމްރާން ކުރެއްވި ޓުވީޓެއްގައި ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަށް ދިން ހަމަލާއާ ދެކޮޅަށް ސުލްހަވެރި މުޒާހަރާ ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. މި ހަރަކާތުގެ ނަމަކީ، ޖަލުތައް ފުރާލުން، މިއެވެ.

"އަޅުގަނޑުމެންނަށް ކުރިމަތިވަނީ ޝަމް އެފްއައިއާރު (ފުލުހުން ހުށަހަޅާ ފަސްޓް އިންފޮމޭޝަން ރިޕޯޓް) އަދި އެންއޭބީ (ޖާމިނު ނުކުރެވޭ) މައްސަލަތަކާއި ކަސްޓޯޑިއަލް ޓޯޗާ އާއި ނޫސްވެރިންނަށާއި ސޯޝަލް މީޑިއާގެ މީހުންނަށް ހަމަލާދިނުން، މިއީ ޤާނޫނުން ރައްކާތެރިކޮށްދޭ ޙައްޤު، މީގެ ދިފާއުގައި ނިކުންނަން ޖެހޭ" އޭނާ ލިޔުއްވާފައިވެއެވެ.

އުމުރުން 70 އަހަރުގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އިތުރަށް ވިދާޅުވީ، މި މުޒާހަރާއަކީ ޕާކިސްތާނުގައި "އެތައް ބިލިއަން ރުފިޔާގެ ލޫޓުނު މުއްސަނދިކަން ހޯދާ، މަނީ ލޯންޑާކޮށްފައިވާ ކުށްވެރިންގެ ސަބަބުން ޤައުމަށް ގެނައި އިގްތިސާދީ ހީނަރުކަމާ ދެކޮޅަށް" ކުރިއަށް ގެންދާ މުޒާހަރާއެއް ކަމަށެވެ. އެ މީހުންނާހެދި  އިންފްލޭޝަން އިތުރުވެ ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

ޕީޓީއައިގެ ޓްވިޓާ ޕޭޖުގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި އިމްރާން ވިދާޅުވީ މި ހަރަކާތުގެ މަގުސަދަކީ ޕާކިސްތާނުގައި "ހަގީގީ މިނިވަންކަން" ހޯދުން ކަމަށެވެ.

އިމްރާން ވެރިކަމުން ދުރުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ޕާލަމެންޓުގެ އިތުބާރު ނެތްކަމުގެ ވޯޓުން ބަލިވުމުންނެވެ. އޭގެ ފަހުން އޭނާ ގެންދަވަނީ އަވަސް ގައުމީ އިންތިހާބެއް ބޭއްވުމަށް ގޮވާލައި ބޮޑެތި މުޒާހަރާތައް ކުރައްވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!