ޚަބަރު ދުނިޔެ

ވޯލްޑް ބޭންކްގެ އެންމެ އިސް މަޤާމަކަށް އެެމެރިކާއިން ހުށަހެޅީ އިންޑިއާ ދަރިކޮޅުގެ މީހެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވަރލްޑް ބޭންކްގެ އެންމެ އިސް މަގާމަށް ދެން ހޮވާނެ ބޭފުޅެއްގެ ގޮތުގައި އިންޑިޔާ އުފަން، އެމެރިކާގެ ވިޔަފާރިވެރިޔާ އަޖޭ ބަންގާގެ ނަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވައިފިއެވެ.

Ads by Sosun Fihaara
Ads by MWSC

ކްރެޑިޓްކާޑު ޖަޔަންޓް، މާސްޓަރކާޑުގައި ދިހަވަރަކަށް އަހަރު މަސައްކަތް ކުރެއްވުމަށްފަހު މިހާރު އެތަނުން ރިޓަޔަރ ކުރައްވާފައި ވީނަމަވެސް ބަންގާ މިހާރުވެސް ހުންނެވީ ޕްރައިވެޓް އިކުއިޓީ ފަރމް އެއްކަމަށްވާ ޖެނެރަލް އެޓްލާންޓިކްގެ 3.5 ބިލިއަން ޑޮލަރުގެ އަގުހުރި ކްލައިމެޓް ފަންޑްގެ އެޑްވައިޒަރީ ބޯޑުގައެވެ.

ވަރލްޑް ބޭންކުގެ އެންމެ ބޮޑު ހިއްސާދާރަކީ އެމެރިކާ ކަމަށްވާއިރު އެމެރިކާއިން މިވަގުތު ގެންދަނީ ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ވަރލްޑް ބޭންކުން ކުރާ ހޭދަ އިތުރު ކުރުމަށް ބާރު އަޅަމުންނެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މިދާއިރާގައި ޕްރައިވެޓް ސެކްޓަރާއެކު އަޖޭ ބަންގާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން ބޭންކުގެ އައު މަގްސަދު ހާސިލުކުރުމަށް އެހީއަކަށް ވާނެއެވެ. މީގެ އިތުރުން ސަރުކާރުތަކާއި ކުންފުނިތަކާ އަދި ނޮން-ޕްރޮފިޓް ޖަމާއަތްތަކާއެކު ކާމިޔާބު މަސައްކަތްތަކެއް ކުރެއްވުމުގެ ޓްރެކް-ރިކޯޑް ވެސް އޮތުމާއެކު އެމަގާމަށް އަޖޭ ބަންގާ ވަރަށް އެކަށީގެންވާކަމަށް އެމެރިކާއިން ބުނެފައި ވެއެވެ.

އާންމުގޮތެއްގައި ވަރލްޑް ބޭންކުގެ ވެރިޔަކަށް ހޮވާ ފަރާތެއްގެ ނަންތައް ހުށަހަޅަނީ އެމެރިކާއިންނެވެ. އެއަށްފަހު އައު ވެރިޔާ ހޮވާނީ ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކާ އިންޓަރވިއު ކުރުމަށް ފަހު ބޭންކުގެ ބޯޑުންނެވެ.

މިހާރު އެމެރިކާގެ ރައްޔިތަކަށް ބަދަލުވެފައިވާ އަޖޭ ބަންގާގެ ކެރިއަރ ފައްޓަވާފައިވަނީ އަމިއްލަ ގައުމު އިންޑިޔާގައެވެ. މާސްޓަރކާޑާ ގުޅިވަޑައިގެންނެވުމުގެ ކުރިން ނެސްލޭ އަދި ސިޓި-ގްރޫޕްގައި މުހިންމު މަސައްކަތްތަކެއް އޭނާ ކުރައްވާފައިވެއެވެ. މާސްޓަރކާޑްއިން ބަންގާ ރިޓަޔަރ ކުރެއްވީ 2021 ގައެވެ. އެއަށްފަހު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕްރައިވެޓް އިކުއިޓީފަރމް އެއްކަމަށްވާ ޖެނެރަލް އެޓްލާންޓިކްގެ ވައިސް ޗެއާމަންގެ މަގާމުގައެވެ. ޚާއްސަ މަސައްކަތްޕުޅަކީ ކްލައިމެޓް ފަންޑްގެ މަސައްކަތް ބެލެހެއްޓެވުމެވެ.

ބަންގާ ވަނީ ކޯ-ޗެއާ އެއްގެ ހައިސިއްޔަތުން ވައިޓް ހައުސްގެ ކޮމިޓީއެއްގަވެސް މަސައްކަތް ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!