ދުނިޔެ

ޒެލެންސްކީ ބޭނުންވަނީ ޗައިނާއާ ބައްދަލުކުރަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމާ ބެހޭގޮތުން ޗައިނާއިން ހުށަހެޅި ސުލްހައިގެ ޕްލޭނާ ގުޅިގެން ޗައިނާގެ ރައީސް ޝީޖިން ޕިންގއާ ބައްދަލުކުރައްވަން ގަސްދުކުރައްވާކަމަށް، ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހަނގުރާމައަށް އެއް އަހަރު ފުރުނު މުނާސަބަތާ ދިމާކުރައްވައި ވާހަކަފުޅުދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، ޗައިނާގެ ޕްރޮޕޯސަލްއަށް ބަލާއިރު، މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދައިދިނުމަށް ޗައިނާގެ ޝައުގުވެރިކަން ހުރިކަމުގެ ސިގްނަލް ލިބިވަޑައިގަންނަވާ ކަމަށެވެ. އެއާ އެކުއެކީ ޗައިނާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށް ނުދޭނެކަމަށް ގަބޫލުފުޅުކުރައްވަންވެސް ބޭނުންފުޅު ކަމަށް ވިދާޅުވެފައިވެއެވެ.

ޗައިނާގެ ޕްލޭން ބިނާވެފައިވަނީ ސުލްހަވެރިކަމާއެކު ބާއްވާ ވާހަކަތަކާއި އަދި ޔޫކްރެއިންގެ އަމިއްލަ އިސްތިގުލާލީ މިނިވަންކަން ގަބޫލުކުރުމުގެ މައްޗަށެވެ. އެހެންނަމަވެސް 12 ޕޮއިންޓުގެ ޑޮކިއުމަންޓުގައި، ޔޫކްރެއިނުން ރަޝިޔާގެ ސަރަހައްދުތަކުން ފައިބަންޖެހޭނެ ކަމަށް ބުނެފައެއް ނުވެއެވެ. އަދި ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ކުށްވެރި ކޮށްފައިވެއެވެ.

ރައީސް ޝީއާ ބައްދަލުކުރެއްވުމަށް ޒެލެންސްކީ އެދިވަޑައިގެންފައި ވީނަމަވެސް ޗައިނާގެ އިދާރާތަކުން އަދި ރަސްމީކޮން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އަނެއްކޮޅުން ޚަބަރުލިބޭގޮތުގައި، ޗައިނާގެ ސުލްހައިގެ ޕްރޮޕޯސަލްއަށް ރަޝިޔާއިން މަރުހަބާ ކިޔާފައިވެއެވެ. އަދި މިކަމުގައި ޗައިނާއާ ޚިޔާލު އެއްގޮތްކަމަށް ރަޝިޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ރަޝިޔާ ޔޫކްރެއިން ހަނގުރާމާގައި، ނިމުނު ހަފުތާގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ ޗައިނާއިން ރަޝިޔާއަށް ޑްރޯންތަކާއި، ހަތިޔާރުގައި ބޭނުންކުރުމަށް ވަޒަން ފޯރުކޮށްދޭން ފަށަން އުޅޭކަމުގެ ކަންބޮޑުވުމެވެ.

ޗައިނާގެ ޕްލޭނާ ބެހޭގޮތުން އެމެރިކާގެ ރައީސް ޖޯބައިޑަން ވިދާޅުވެފައިވަނީ، ޕޫޓިން އެ ޕްލޭނަށް ތާއީދު ކުރައްވައި، އެއްޗެއް ރަނގަޅު އެއްޗެއް ކަމަށް ވެދާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމުގައެވެ. އަދި އެ ޕްލޭންގައި، ރަޝިޔާ ފިޔަވައި އެހެން ފަރާތަކަށް ފައިދާއެއްކުރާނެ އެއްވެސް ވާހަކައެއް ފެނިވަޑައިނުގަންނަވާ ކަމަށް ބައިޑަން ވިދާޅުވެފައިވެއެވެ.

ޔޫކްރެއިން ހަނގުރާމައާ ބެހޭގޮތުން ޗައިނާއިން ޚާއްސަ ސުލްހައިގެ ޕްލޭނެއް ހުށަހަޅާފައިވަނީ، ޗީފް ޑިޕްލޮމެޓް ވެންގ ޔީ، ރައީސް ޕޫޓިންއާއެކު މޮސްކޯގައި ބޭއްވެވި ބައްދަލުކުރެއްވުމަކަށްފަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!