ރަކީދޫ އާއި ތިނަދޫގެ ބައިއިލެކްޝަން- ވޯޓާރސް ލިސްޓަށް ޝަކުވާ ހުށައަޅަށް ހުޅުވައިލައިފި
2023 އެޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވ.ރަކީދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި ވ.ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާއްމުކޮށް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ކުރެއްވި އިޢުލާނެއްގައި ވިދާޅުވީ، މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ 2023 ފެބުރުވަރީ 27 ވާ ހޯމަ ދުވަހުން ފެށިގެން 2023 މާރިޗު 10 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށްކަމަށެވެ.
"ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި އިލެކްޝަން ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ. ޝަކުވާ ހުށަހަޅާނީ މި ކޮމިޝަންގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުވައިގެންނެވެ." އިލެކްޝަން ކޮމިޝަނުގެ އިޢުލާނުގައި ވެއެވެ.
ވ.ރަކީދޫ އާއި ތިނަދޫގެ ބައި އިލެކްޝަން 2023 އެޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު ވެސް އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވައިފައެވެ.