އެމެރިކާ ސަރުކާރުން ޓިކްޓޮކް ބޭނުންކުރުން ހުއްޓައިލުމުން ޗައިނާގެ ނުރުހުން
އެމެރިކާ ސަރުކާރުގެ ރަސްމީ އިދާރާތަކުން މީސްމީޑިޔާ އެޕްލިކޭޝަނެއް ކަމުގައިވާ ޓިކްޓޮކް ބޭނުންކުރުން މަނާކުރުމާ ގުޅިގެން ޗައިނާއިން އެ ނިންމުމާ މެދު ނުރުހުންވެ، ފާޑުކިޔައިފިއެވެ. ޓިކްޓޮކްއަކީ ޗައިނާގެ ކުންފުންޏަކުން އުފައްދާފައިވާ އެޕްލިކޭޝަނެކެވެ.
އެމެރިކާގެ ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ، އަދި އިދާރާތަކުން ބޭނުންކުރާ ޑިވައިސްތަކުން އެ އެޕްލިކޭޝަން ފޮހެ، ބޭނުންކުރުން ހުއްޓައިލުމަށް އަންގާފައިވަނީ ވައިޓް ހައުސްއިންނެއެވެ. އަދި، އެ ކަން ކުރުމަށް 30 ދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ.
ވައިޓް ހައުސްގެ އޮފީސް އޮފް މެނޭޖްމެންޓް އެންޑް ބަޖެޓުގެ ޑިރެކްޓަރ ޝަލަންދާ ޔަންގް ސޮއިކުރައްވައި ނެރެފައިވާ އެންގުމުގައި ވަނީ، ސަރުކާރު އިދާރާތަކުން ބޭނުންކުރާ ރަސްމީ ޑިވައިސްތަކުން އެޕްލިކޭޝަން ފޮހުމަށްފަހު، ކުރިއަށް އޮތް ތަނުގައި އެ އެޕްލިކޭޝަން އަލުން އެ ޑިވައިސްތަކަށް ނޭޅޭނެ ގޮތަށް ހެދުމަށް އަންގާފައެވެ. އަދި، މިހާރުން މިހާރަށް އެޕްލިކޭޝަން ބޭނުންކުރުން ހުއްޓައިލާ، އެޕްލިކޭޝަނަށް އިންޓަރނެޓް ލިބޭނެ ގޮތް ބަންދުކުރުމަށް ވެސް އަންގާފައިވެއެވެ.
އެމެރިކާގެ ޢާންމު ރައްޔިތުންނާއި އަމިއްލަ ވިޔަފާރިތަކުން ޓިކްޓޮކް ބޭނުންކުރުމަށް އަދި ހުރަހެއް ނެތެވެ. ނަމަވެސް، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލެއްގެ ދަށުން، އެމެރިކާގައި ޓިކްޓޮކް ބޭނުން ކުރުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށް އެމެރިކަން ސިވިލް ލިބަރޓީޒް ޔޫނިއަން (އޭ.ސީ.އެލް.ޔޫ)އިން ބުނެއެވެ.
"އެމެރިކާ ރައްޔިތުންނަށް ޤާނޫނުއަސާސީން ދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަކީ ކޮންގްރެސްއަށް ލިބިގެންވާ ބާރެއް ނޫން،" އޭ.ސީ.އެލް.ޔޫ.ގެ އިސް އޮފިޝަލެއް ކަމުގައިވާ ޖެނާ ލެވެންޓޮފް ބުންޏެވެ. އަދި، އެ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މީހުންނާ މުއާމަލާތް ކުރުމަކީ އެމެރިކާގެ ކޮންމެ ރައްޔިތެއްގެ ހައްޤެއް ކަމުގައި ވެސް އޭނާ ބުންޏެވެ.
ޓިކްޓޮކްއަކީ ޗައިނާގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމުގައިވާ ބައިޓްޑާންސްގެ އުފެއްދުމެކެވެ. އެމެރިކާއިން ޤަބޫލުކުރާ ގޮތުގައި، ޗައިނާގެ ސަރުކާރުން ދަނީ، ޖާސޫސް ކުރުމަށް އެ އެޕްލިކޭޝަން ބޭނުން ކުރަމުންނެވެ. އަދި، ޗައިނާގެ ސިޔާސަތުތަކާ ބެހޭ ޕްރޮޕެގެންޑާ ފަތުރަން އެ އެޕްލިކޭޝަން ބޭނުންކުރާ ކަމަށް އެމެރިކާ ސަރުކާރުން ދެކެއެވެ. އަދި، މިއީ އެމެރިކާގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ ޤައުމުން ދެކެއެވެ.
އެމެރިކާ ސަރުކާރުގެ އިދާރާތަކުން ޓިކްޓޮކް ބޭނުންކުރުން ހުއްޓައިލުމަށް އެންގުމުން، ބައިޓްޑާންސްއިން އެ ކަމަށް ރައްދުދީފައި ނުވި ނަމަވެސް، ޗައިނާ ސަރުކާރުން ވަނީ އެ ކަމާ ނުރުހުން ފާޅުކޮށްފައެވެ. "ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެމެރިކާ ސަރުކާރުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވިއެވެ.
އެމެރިކާ ސަރުކާރުގެ އިދާރާތަކުގައި ޓިކްޓޮކް ބޭނުން ކުރުން މަނާކުރުމަށް ކޮންގްރެސްއިން ފާސްކޮށްފައިވާ ބިލު ރައީސް ޖޯ ބައިޑަން ތަސްދީޤު ކުރައްވާފައި ވަނީ ހުސްވި ޖަނަވަރީ މަހުއެވެ. އެ ޤާނޫނުގެ ދަށުން، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރަސްމީ ޑިވައިސްތަކުގައި ވެސް އެ އެޕްލިކޭޝަން ބޭނުން ކުރުމަކީ މަނާ ކަމެކެވެ.
އެމެރިކާ ރައްޔިތުންގެ ސިއްރު މަޢުލޫމާތުތަކަށް މީގެ ކުރިން އެކްސެސްވެފައި ވާނެ ކަމަށް ބައިޓްޑާންސް ކުންފުނިން މީގެ ކުރިން ވަނީ އެއްބަސްވެފައެވެ. ނަމަވެސް، އެ މަޢުލޫމާތުތައް ޗައިނާ ސަރުކާރާއި ޖާސޫސީ އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށް އެމެރިކާއިން ކުރާ ތުހުމަތުތައް އެ ކުންފުނިން ދޮގު ކުރެއެވެ.