ދުނިޔެ

ޔޫކްރެއިނުގެ މައްސަލައިގައި ޖީ20 އެއްގަލަކަށް އަރަންޖެހޭ: މޯދީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫކްރެއިނުގައި ހިނގަމުންދާ ހަނގުރާމައިގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނީ އިޤުތިޞާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ޤައުމު – ޖީ20އިން އެއްގަލަކަށް އަރައިގެން ކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ. އޭނާ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ، ވެރިރަށް ނިއު ދިއްލީގައި ކުރިއަށްދާ ޖީ20ގެ ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

Ads by WAMCO

މި އަހަރު، ޖީ20ގެ ރިޔާސަތު ބަލަހައްޓަމުން ދަނީ އިންޑިޔާއިންނެވެ. އިންޑިޔާއިން އަޒުމް ކަނޑައަޅާފައި ވަނީ، އެ ޤައުމުގެ ދައުރުގައި ދުނިޔެއިން ފަގީރުކަން ނައްތައިލުމާއި، މޫސުމީ ބަދަލުތަކުގެ މައްސަލައަށް ހައްލުތަކެއް ހޯދަން މަސައްކަތް ކުރުމަށެވެ. ނަމަވެސް، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން، އެ މަސައްކަތްތަކަށް ވަނީ ހިޔަނިއެޅިފައެވެ.

ނިއު ދިއްލީގައި ކުރިއަށްދާ ޖީ20ގެ ބައްދަލުވުމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަންއާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލެވްރޮފް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ނަމަވެސް، މި ބައްދަލުވުމުގެ ހަވާސާގައި ދެ ބޭފުޅުން ވަކިން ބައްދަލުކުރައްވައި، މަޝްވަރާތައް ބާއްވަވާނެ ކަމަށް ނުބެލެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

"ފާއިތުވި އަހަރުތައް އަޅުގަނޑުމެން ހޭދަކުރީ މާލީ ކާރިސާއެއްގައި. މޫސުމީ ބަދަލުތަކުން ސަލާމަތްނުވެވިގެން. ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި. އަދި ޓެރެރިޒަމާއި ހަނގުރާމައިގެ ތެރޭގައި. މިއިން ދޭހަކޮށްދެނީ، ބައިނަލްއަޤުވާމީ މުޖުތަމަޢު ފޭލުވެފައިވާ މިންވަރު،" މޯދީ ވިދާޅުވިއެވެ.

އަދި، ދުނިޔެ މި ވަގުތު އޮތީ ބައިބައިވެފައި ކަމަށް ވިދާޅުވެ، އެ ކަން ހައްލުކުރާނެ ތަފާތު އެކި ގޮތްތައް ޖީ20ގެ ޤައުމުތަކަށް އެނގޭ ކަމުގައި މޯދީ ވިދާޅުވިއެވެ. ނަމަވެސް، ދުނިޔޭގެ އެންމެ ބޮޑެތި އިޤުތިޞާދުތަކުގެ ގޮތުގައި ތިބެ، އެހެން ޤައުމުތަކުގެ ހާލަތާ މެދު ޖީ20ގެ ޤައުމުތަކުން ވިސްނަންޖެހޭ ކަމުގައި މޯދީ ވިދާޅުވިއެވެ.

ޔޫކްރެއިން ހަނގުރާމައިގައި މިހާރު ކޯޅުން ބޮޑުވެފައި ވަނީ އެމެރިކާއާއި ޗައިނާއާ ދެމެދެވެ. ޗައިނާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދޭން ވިސްނަމުންދާ ކަމަށް އެމެރިކާއިން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި، ޖީ20ގެ ބައްދަލުވުމުގައި އެ ކަން ހުއްޓުވަން ޗައިނާއަށް ބާރުއަޅަން އެމެރިކާއިން މަސައްކަތް ކުރާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

އިންޑިޔާއިން ރަޝިޔާއާ އެކު ގެންގުޅޭ ގާތް ގުޅުންތަކާ ގުޅިގެން ވެސް ޖީ20ގެ ބައްދަލުވުމަށް ވަނީ ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ކުރިމަތިވެފައެވެ. ރަޝިޔާއިން ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ފަށާފައިވާ ހަނގުރާމައަށް ހުސްވި ފެބުރުވަރީ މަހު އެއް އަހަރު ފުރިފައިވާއިރު، އިންޑިޔާއިން އަދި މިހާތަނަށް އެ ހަނގުރާމަ ކުށްވެރިކޮށްފައެއް ނުވެއެވެ.

ނަމަވެސް، ޖީ20ގެ ބައްދަލުވުމުގައި އިންޑިޔާއިން ރަޝިޔާއަށް ވިސްނައިދޭން މަސައްކަތް ކުރާނެ ކަމަށް ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ޖޯސެފް ބޮރެލް ގަބޫލުފުޅު ކުރައްވައެވެ. އަދި، މި ބައްދަލުވުމުގެ ކާމިޔާބީ މިނެކިރޭނީ އެ ކަން ހާސިލުކުރެވޭ މިންވަރަކަށް ބަލާފައި ކަމުގައި އޭނާ ވިދާޅުވިއެވެ.
ޖީ20ގެ ހަވާސާގައި އޭނާ ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގާންގްއާ ބައްދަލުކުރައްވާނެއެވެ. އަދި، ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅަށް ވަކާލާތު ކުރައްވައި، އެ ކަން ނުކުރުމަށް ޗައިނާގެ ސަރުކާރަށް ބާރު އަޅުއްވާނެއެވެ.

ޖީ20ގެ ބައްދަލުވުމުގައި ލެވްރޮފް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ޔޫކްރެއިން ހަނގުރާމައަށް ނުފޫޒު ފޯރުވަން ކުރަމުންދާ މަސައްކަތްތަކަށް ފާޑުވިދާޅުވާނެ ކަމުގައި ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. އަދި، އެމެރިކާގެ ސިޔާސަތުތަކުގެ ސަބަބުން ދުނިޔެ ބޮޑު ހަނގުރާމައެއްގެ ތުންފަތްމައްޗަށް ގެންގޮސްފައިވާ ކަމުގައި ވެސް ރަޝިޔާއިން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!