ދުނިޔެ

އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކާތީ ޗައިނާގެ ނުރުހުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާއިން ތައިވާނަށް ހަތިޔާރު ވިއްކަން ނިންމައި، އެ ކަން އިޢުލާނުކުރުމާ ގުޅިގެން ޗައިނާއިން އެ ކަމާ މެދު ނުރުހުން ފާޅުކޮށްފިއެވެ. ތައިވާނަށް 619 މިލިޔަން ޑޮލަރުގެ އަގުހުރި ހަތިޔާރު ވިއްކަން ނިންމާފައިވާ ކަން އެމެރިކާގެ ދިފާޢީ އިދާރާ ޕެންޓެގަންއިން ވަނީ އިޢުލާނުކޮށްފައެވެ.

Ads by WAMCO

އެމެރިކާއިން ތައިވާނަށް ފޯރުކޮށްދޭ އަސްކަރީ ސާމާނުގެ ތެރޭގައި ހިމެނެނީ ތައިވާނުގެ އަސްކަރިއްޔާއިން ބޭނުންކުރާ "އެފް-16" މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ބޭނުންވާ ހަތިޔާރެވެ. މީގެ ތެރޭގައި "ހާމް" މަރުކާގެ 100 އެންޓި-ރޭޑިޔޭޝަން މިސައިލާއި، "އެމްރާމް" މަރުކާގެ 200 އެއަރ-ޓު-އެއަރ މިސައިލާއި، މިސައިލް ލޯންޗަރގެ އިތުރުން ތަމްރީނުތަކުގައި ބޭނުންކުރާ "ޑަމީ" މިސައިލް ހިމެނޭނެ ކަމުގައި ޕެންޓެގަންއިން ބުނެއެވެ.

މި ހަތިޔާރުތަކާ އެކު، ވައިގެ ސަރަޙައްދުގެ ދިފާޢު ކަށަވަރު ކުރުމުގެ ގާބިލުކަން ތައިވާނުގެ އަސްކަރިއްޔާއަށް އިތުރު ކުރެވޭނެ ކަމުގައި ވެސް ޕެންޓެގަންއިން ބުނެއެވެ. އެމެރިކާއިން ތައިވާނަށް ހަތިޔާރު ވިއްކަން ނިންމާފައިވާ ކަން އިޢުލާނުކޮށްފައި މި ވަނީ، ތައިވާނުގެ މިނިވަންކަމާ ގުޅޭ ގޮތުން އެމެރިކާއާއި ޗައިނާއާ ދެމެދު ޚިޔާލުތަފާތުވުން އިތުރުވެ، ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ތައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ޗައިނާއިން ދެކުނު ނަމަވެސް، އެމެރިކާއާއި ހުޅަނގުގެ ގިނަ ޤައުމުތަކުން ދެކޭ ގޮތުގައި ތައިވާނަކީ މިނިވަން ދަޢުލަތެކެވެ. ތައިވާނުގައި މިނިވަން ސަރުކާރަކުން ވެރިކަންކުރަމުންދާތާ މިހާރު 70 އަހަރު ފާއިތުވެއްޖެއެވެ. ނަމަވެސް، ޗައިނާއިން އަދިވެސް ގަބޫލުކުރަނީ ތައިވާނަކީ އެ ޤައުމުގެ ބާރު ހިނގާ ސަރަޙައްދެއްގެ ގޮތުގައެވެ.

ތައިވާނަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އެމެރިކާއިން ކުރިން އެއްބަސްވެފައިވާ ޗައިނާގެ "އެއް ޗައިނާ" ސިޔާސަތާ ޚިލާފަށް ހިންގަމުންދާ އަމަލެއްގެ ގޮތުގައި ޗައިނާއިން ސިފަކުރެއެވެ. "މިއީ ”އެއް ޗައިނާ“ ސިޔާސަތާ ކަނޑައެޅިގެން ޚިލާފަށް އެމެރިކާއިން ހިންގަމުންދާ ވިޔަފާރިއެއް. އަދި، އެމެރިކާއާއި ޗައިނާއާ ދެމެދު ވެފައިވާ ތިން އެއްބަސްވުމަކާ ޚިލާފަށް ކުރަމުންދާ ކަމެއް،" ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވިއެވެ.

އަދި، މި ފަދަ އަމަލުތަކުގެ ސަބަބުން ޗައިނާގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ކަމަށާއި، ތައިވާން ކަނޑުގެ ސަރަޙައްދުގެ ސުލްޙަމަސަލަސް ކަން ގެއްލޭ ކަމުގައި ވިދާޅުވެ، މާއޯ ވަނީ މި ކަމުގެ ސަބަބުން އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ހީނަރުވަމުންދާ ކަން ވެސް ފާހަގަ ކުރައްވާފައެވެ.

"”އެއް ޗައިނާ“ ސިޔާސަތަށް އިޙުތިރާމު ކުރަން އެމެރިކާއަށް ގޮވައިލަން. އަދި، ތައިވާން ކަނޑުގެ ސަރަޙައްދުގެ ސުލްޙަ ނަގައިލަން ކުރަމުންދާ މަސައްކަތްތައް ހުއްޓައިލުމަށް ވެސް އެމެރިކާއަށް ގޮވައިލަން. ޗައިނާގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ޗައިނާއިން އަޅާނެ،" މާއޯ ވިދާޅުވިއެވެ.

ތައިވާނަށް ހަތިޔާރު ވިއްކުމަކީ "އެއް ޗައިނާ" ސިޔާސަތާ ޚިލާފު އަމަލެއް ކަމުގައި ޗައިނާއިން ބުނި ނަމަވެސް، އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ސިޔާސަތަށް އެމެރިކާއިން އިޙުތިރާމު ކުރާ ކަމަށް ބުނެފައެވެ. އަދި، ތައިވާނާއި އެމެރިކާއާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކަށް ވެސް އެމެރިކާއިން އިޙުތިރާމު ކުރާނެ ކަމުގައި އެ ޤައުމުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!