ނަޝީދުގެ ފާޑުކިޔުން ސަރުކާރަށް: ދޮޅު އަހަރު ވީއިރު އެންމެ ހައުސިން ޕްރޮޖެކްޓެއްގައި ވެސް ސޮއި ކުރެވިފައެއް ނެތް!

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރަށް މިހާ ދުވަސްވީއިރު ވެސް ހައުސިންގ ގެ އެއްވެސް ޕްރޮޖެކްޓެއްގައި ސޮއި ކުރެވިފައި ނެތްކަމަށް ވިދާޅުވެ ރައީސް ނަޝީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅު ވެއްޖެއެވެ.
ރައީސް ނަޝީދު މި މޭރުމުން ވާހަކަ ދައްކަވާ ފާޑުވިދާޅުވެފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ “ވަަޓްސް އެޕް” ގުރޫޕްގައެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައީސް ނަޝީދު އިސްނަންގަވައިގެން ފެއްޓެވުމުން އެމްޑީޕީގެ ޕާރލަމަންޓްރީ ގުރޫޕްގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.
މި މައްސަލަ ހޫނުވެ ވަޓްސްއެޕް ގުރޫޕްގައި ވާހަަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރަށް ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވީ އިރުވެސް ހައުސިންގެ އެއްވެސް ޕްރޮޖެކްޓެއްގައި ސޮއި ކުރެވިފައި ނުވާ ކަމަށެވެ.
އަދި ހަމައެހެންމެ ގުޅީފަޅު މަޝްރޫއުވެސް ޑިޒައިން ކުރީ މާލޭގައި ދިރިއުޅޭ މީހުންނަށް ނުވާ ގޮތަށް ކަމަށާއި މިފެންނަނީ ޕާޓީ އާއި ރައްޔިތުން ސަރުކާރާ ދުރުވާ މަންޒަރު ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.