ޗައިނާ ރަޝީއާއަށް، އެމެރިކާއިން ޔޫކްރެއިންއަށް ހަތިޔާރު ފޯރުކޮށްދެނީ
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން މިހާރު ކުރަމުން ދާ ހަނގުރާމައިގައި، ޗައިނާ އިން ރަޝިޔާ އަށް ފަހަރެއްގައި ހަތިޔާރު ދިނަސް، އެއީ އެމެރިކާ އިން ތައިވާނަށް ހަތިޔާރު ދިނުމާ އެއްފަދަ ކަމެއް ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގާންގް އިއްޔެ ވިދާޅުވެއްޖެ އެވެ.
"އެމެރިކާ އިން ތައިވާނަށް ހަތިޔާރު ވިއްކަމުން ދާ އިރު، ރަޝިޔާ އަށް ހަތިޔާރު ނުވިއްކުމަށް އެމެރިކާ އިން ޗައިނާގައި އެދެމުން ދަނީ ކީއްވެގެން،" ވެރިރަށް ބެއިޖިންގައި އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
"ތައިވާންގެ (މިނިވަންކަމުގެ) މައްސަލައަކީ ޗައިނާ ރައްޔިތުންގެ އަމިއްލަ ކަމެއް. އެހެން އެކަން އޮތް އިރު ތައިވާން މައްސަލައިގެ ތެރެއަށް އެމެރިކާގެ އިސް ވެރިން ވަދެގަތުމަކީ ވަރަށް މުޑުދާރު އަމަލެއް. ތައިވާންގެ ކަންކަމުގެ ތެރެއަށް ވަދެގަތުމުގެ ހައްގު އެހެން އެއްވެސް ގައުމަކަށް ނޯންނާނެ."
ޗައިނާއާ މުޅިން ވަކިން އޮންނަ ތައިވާންގައި، 1949 ވަނަ އަހަރުން ފެށިގެން އޮންނަނީ ޗައިނާއާ އެއްވެސް ގުޅުމެއް ނެތް އަމިއްލަ ވެރިކަމެއް ކަމުގައި ވިޔަސް، ޗައިނާ އިން ދެކޭ ގޮތުގައި ތައިވާނަކީ ޗައިނާގެ ބައެކެވެ. އަދި ތައިވާނުގައި ދިރިއުޅެނީ ވެސް ޗައިނާގެ ރައްޔިތުން ކަމަށް ޗައިނާ އިން ދެކެ އެވެ.
ވަކި ވެރިކަމެއް ކުރަމުން އަޔަސް، ތައިވާނުން މިނިވަންކަން އިއުލާން ކޮށްފި ނަމަ، ހަތިޔާރުގެ ބޭނުންކޮށްގެން ވިޔަސް، ޗައިނާގެ ފުރިހަމަ ބާރުގެ ދަށަށް ތައިވާން ގެންދާނެ ކަމަށް ޗައިނާ އިން އަންނަނީ ބުނަމުންނެވެ. ޚާރިޖީ ވަޒީރު އިއްޔެ ދެއްކެވި ވާހަކައިގައި ވެސް، ތައިވާނުން މިނިވަންކަން އިއުލާން ކޮށްފި ހާލަތެއްގައި، އެކަން ހުއްޓުވުމަށް ޗައިނާ އިން ބާރުގެ ބޭނުން ނުކުރާނެ ކަމަކަށް ވިދާޅެއް ނުވެ އެވެ.