ދުނިޔެ

ނެދަލެންޑްއަށް ވެސް ޗިޕްސް އެކްސްޕޯޓް ކުރަން މަދުކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގައުމީ ސަލާމަތް ރައްކާތެރިކުރަން ކަމަށް ބުނެ، ނެދަލޭންޑްސްގައި އުފައްދާ "އެންމެ އެޑްވާންސްޑް" ޗިޕް އެކްސްޕޯޓް ކުރުން ލިމިޓް ކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

Ads by WAMCO

އެ ނިންމުމާ އެކު ކޮމްޕިއުޓަރަށް ބޭނުންވާ ޗިޕް އުފައްދާ އޭއެސްއެމްއެލް ކުންފުނީގެ ޓެކްނޮލޮޖީ އެކްސްޕޯޓް ކުރުން ވެސް ލިމިޓް ވާނެ އެވެ. އޭއެސްއެމްއެލްއަކީ ދުނިޔޭގެ މައިކްރޯޗިޕް ސަޕްލައި ޗެއިންގައި އެންމެ މުހިއްމު އެއް ކުންފުންޏެވެ.

ނެދަލޭންޑްސްގެ ސަރުކާރުން ވަނީ 2019 ވަނަ އަހަރުން ފެށިގެން އޭއެސްއެމްއެލްގެ ބައެއް ޓެކްނޮލޮޖީ ޗައިނާއަށް ވިއްކުން މަނާކޮށްފަ އެވެ. އާ ނިންމުމާ އެކު އިތުރު ޓެކްނޮލޮޖީތައް އެކްސްޕޯޓް ކުރުން މަނާ ވާނެ އެވެ.

މޮބައިލް ފޯނުން ފެށިގެން އަސްކަރީ ހާޑްވެއާ ފަދަ މުހިއްމު ޑިވަސްތަކަށް ބޭނުންވާ ސެމީކޮންޑަކްޓަރު ނުވަތަ ޗިޕްގެ "ހަނގުރާމައެއް" އުފެދުނީ އެމެރިކާ އާއި ޗައިނާއާ ދެމެދު އެވެ.

މިދިޔަ އޮކްޓޯބަރު މަހު އެމެރިކާއިން ބުނީ އެމެރިކާގެ ކުންފުންޏަކުން ދުނިޔޭގެ ކޮންމެ ގައުމެއްގައި ޗިޕް އުފެއްދި ނަމަވެސް، ޗައިނާއަށް އެކްސްޕޯޓް ކުރަން ބޭނުން ނަމަ ހާއްސަ ލައިސެންސެއް ނަގަން ޖެހޭނެ ކަމަށެވެ.

ނެދަލޭންޑްސް އާއި ޖަޕާނުން ވެސް އެ ފިޔަވަޅު އެޅުމަށް އެމެރިކާއިން ދަނީ ޕްރެޝަރު ކުރަމުންނެވެ.

އެމެރިކާއިން ޗިޕްތަކާ މެދު ގެންގުޅޭ ސިޔާސަތާ ހެދި ކަންބޮޑުވުން އެބަ އޮތް ކަމަށް މި ހަފުތާގައި ދެކުނު ކޮރެއާގެ ޓްރޭޑް މިނިސްޓްރީން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!