ޚަބަރު ސިޔާސީ

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ޑިޖިޓަލް އައިޑީ ކާޑު ބޭނުމެއް ނުކުރެވޭނެ: އީސީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޤާނޫނުތައް އޮތްގޮތުން ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުންކޮށްގެން ވޯޓު ނުލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ޑިޖިޓަލް އައިޑީކާޑު ޓެސްޓުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރިޔަށެވެ.

މި މަސައްކަތުގެ ތެރެއިން 500 ޢާންމު މީހަކަށް، އެ މީހެއްގެ އައިޑީ ކާޑު ޓެސްޓު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މި ޚިދުމަތް އައުމަށްފަހު، ފިޒިކަލް އައިޑީ ކާޑު އަތުގައި އޮތުން ލާޒިމެއް ނުވާނެއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ޙަބީބު މީޑިއާއަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ޤާނޫނުގައި ބުނާގޮތުން އެއްވެސް އިންތިޚާބެއްގައި ޑިޖިޓަލް އައިޑީކާޑު ބޭނުން ނުކުރެވޭކަމަށާއި، އެ ކާޑު ބޭނުން ކުރެވޭނީ ފޯނުން ކަމަށްވާއިރު، އިންތިޚާބީ މަރުކަޒަށް ފޯނު ވެއްދުމަކީ ޤާނޫނީ ގޮތުން މަނާކަމެއް ކަމަށެވެ.

ރާއްޖޭގައި ބޭނުން ކުރަން ފަށަން ތައްޔާރުވަމުން އަންނަ ޑިޖިޓަލް އައިޑީކާޑާއެކު ރީ-ރަޖިސްޓްރީ ކުރުމުގައި އާންމު ރައްޔިތުންނަށް ލުއި ގޮތްތަކެއް ފަހިވެގެންދާނެކަން ފާހަގަކުރައްވައި، ޙަބީބު ވިދާޅުވީ އެ ކާޑު ބޭނުން ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މި އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވާން ފަށައިފައިވާއިރު، އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

މި އަހަރުގެ އިންތިހާބަށް 600 ފޮށި ބަހައްޓާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އީސީން ވިދާޅުވެއެވެ.

އެއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ އަޅާކިޔާއިރު 128 ފޮށި ގިނަ އަދަދެކެވެ. ނަމަވެސް ރީ-ރެޖިސްޓްރޭޝަން އަށްފަހު މި އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އީސީން ވަނީ ވިދާޅުވެފައެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!