ރާއްޖެއަށް އެތެރެ ކުރަން އުޅުނު ނުވަ ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ޕޯސްޓްގެ ޒަރީއާއިން ރާއްޖެއަށް އެތެރެކުރަން އުޅުނު ބައިކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
އެ ތަކެތި އަތުލައިގަތީ މި މަހުގެ 07 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖުތައް ބަލައި ފާސްކުރުމުގައެވެ. ބަލައި ފާސްކުރެވުނު ޕެކޭޖަކީ އިނގިރޭސިވިލާތުން ރާއްޖެ ގެނައި ޕެކޭޖެކެވެ.
ކަސްޓަމްސްއިން މިއަދު ވިދާޅުވީ، އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ “މެފެޑްރޯން“ އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެ ތަކެތީގެ ބަރުދަނުގައި 520 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު 900,000 ރުފިޔާއަށް އަރާ ކަމަށް ވެސް ކަސްޓަމްސްއިން ވަނީ ވިދާޅުވެފައެވެ.
ކަސްޓަމްސްއިން ވިދާޅުވީ، އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
Ads by HDC