ދުނިޔެ

ޗައިނާ ވަރުގަދަ ބާރަކަށް ހަދާނަން: ޝީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބައިނަލްއަގުވާމީ މަސްރަހުގައި ޗައިނާގެ މަސްލަހަތުތައް ފުރިހަމަ އަށް ހިމާޔަތްކުރެވޭ ވަރުގެ "އެކަތައިގެ ފާރަކަށް" ޗައިނާގެ އަސްކަރިއްޔާ ހެއްދެވުމަށް، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގް މިއަދު ވައުދުވެވަޑައިގެންފި އެވެ.

Ads by Sosun Fihaara

މި މަހުގެ 5 ވަނަ ދުވަހު ފެށި ޗައިނާގެ ގާނޫނު ހަދާ މަޖިލިސް (ނޭޝަނަލް ޕީޕަލްސް ކޮންގްރެސް)ގެ އަހަރީ ބައްދަލުވުން ނިންމުމުގެ ޖަލްސާގައި މިއަދު ތަގުރީރު ކުރައްވަމުން ރައީސް ޝީ ވިދާޅުވީ ގައުމުގައި ހަމަޖެހުން ގާއިމުކުރައްވައި ދާޚިލީ ރައްކާތެރިކަން ވެސް ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.

"ސަލާމަތީ ރައްކާތެރިކަމަކީ ތަރައްގީގެ ބިންގާ ކަމުގައިވާ އިރު، ހަމަޖެހުމަކީ ފާގަތިކަން ހޯދުމަށްޓަކައި ކޮންމެހެން ފުރިހަމަވާންޖެހޭނެ ޝަރުތެއް. ހަމައެފަދައިން ގައުމީ ސަލާމަތާ ބެހޭ ފުރިހަމަ ނިޒާމަކާއި އިޖްތިމާއީ ހިންގުންތެރިކަމުގެ ފުރިހަމަ ނިޒާމެއް ވެސް އެހާމެ ބޭނުންތެރި."

ގާނޫނު ހަދާ މަޖިލީހުގެ އަހަރީ ބައްދަލުވުން މިއަދު ނިމިގެން ދިޔަ އިރު، އެ މަޖިލީހުގެ ގާތްގަނޑަކަށް އިއްތިފާގުން މިދިޔަ ހުކުރު ދުވަހު ވަނީ، ރައީސް ކަމުގެ ތިން ވަނަ ދައުރަކަށް ރައީސް ޝީ އިންތިޚާބުކޮށްފަ އެވެ. އެއާ އެކު މިދިޔަ ހޮނިހިރު ދުވަހު ރައީސް ޝީ ވަނީ އެ ގައުމުގެ އާ ބޮޑުވަޒީރުގެ މަގާމަށް އޭނާގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ލީ ޗިއާން ހަމަޖައްސަވައިފަ އެވެ.

ރައީސް ޝީ ވިދާޅުވި ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާ ޒަމާނީ ކުރުމުގެ މަސައްކަތް މިހާރު އޮތީ މެދަކާ ހަމައިގަ އެވެ. އެ މަސައްކަތުގެ އަމާޒަކީ ގައުމުގެ ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރެވޭ ފަދަ ގާބިލު އަސްކަރިއްޔާއެއް ބިނާކުރުން ކަމަށާއި، އެ މަސައްކަތް 2035 ގައި ނިމޭއިރު، އެ ގައުމުގެ އަސްކަރިއްޔާއަކީ އެކަތައިގެ ފާރެއް ކަމަށް ވެގެންދާނެ ކަމަށް ވެސް ރައީސް ޝީ ވިދާޅުވި އެވެ.

ޗައިނާގެ އަސްކަރިއްޔާ ޒަމާނީކޮށް ނިންމުމަށް އަދިވެސް އިތުރު 10 އަހަރު އޮތް އިރު، އެ ގައުމުގެ ވަރުގަދަ އަސްކަރިއްޔާ އާއި އިގްތިސާދީ ފުދުންތެރިކަމުގެ ސަބަބުން، ޗައިނާއަކީ މިހާރު ވެސް ބައިނަލްއަގުވާމީ މުޖްތަމައުގައި ނުފޫޒު ގަދަ ގައުމެކެވެ. ޗައިނާގެ ދެކުނު ކަނޑުގައި ޗައިނާ އިން ހިއްކައިގެން އުފައްދާފައިވާ އަސްކަރީ މަރުކަޒާ އެކު ޗައިނާގެ އަސްކަރީ ނުފޫޒު ވެސް އެ ސަރަހައްދުގައި އަންނަނީ ބޮޑުވަމުންނެވެ.

އޭގެ އިތުރުން ރައީސް ޝީ މިއަދު ވަނީ، ތައިވާންގައި ހިންގަމުންދާ މިނިވަންކަމުގެ ހަރަކާތްތައް ހުއްޓައިލުމަށް ވެސް ގޮވާލައްވައިފަ އެވެ. ތައިވާނަކީ ޗައިނާގެ ބައެއްކަމަށް ތަކުރާރުކޮށް ވިދާޅުވެ، ރައީސް ޝީ ވަނީ ތައިވާންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒުތައް ނުވެއްދުމަށް ވެސް ގޮވާލައްވައިފަ އެވެ.

ކުރިއާ ޚިލާފަށް ރައީސް ޝީ މިއަދު ވަނީ، އެއް ގައުމެއްގެ ދެ ނިޒާމު ސިޔާސަތު ތައިވާނަށް ވެސް ހުށަހަޅުއްވައިފަ އެވެ. އެއީ ހޮންކޮންގް އާއި މަކާއު ގައި މިހާރު ވެސް ވެރިކަން ކުރަމުން އަންނަ ނިޒާމެވެ. އެ ދެ ސަރަހައްދަކީ ވެސް ޗައިނާގެ ސިޔާދަތީ ވެރިކަމުގެ ދަށުގައި އޮތް، ނަމަވެސް އިދާރީ ގޮތުން މުޅިން ވަކި ވެރިކަމުގެ ނިޒާމެއް ހިންގަމުން އަންނަ ދެ ސަރަހައްދެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!