ޚަބަރު

ހަތަރު އަހަރުގެ ތެރޭގައި، ކުޅިވަރުން އިންގިލާބީ ބަދަލެއް ގެނެވިއްޖެ: މަހުލޫފު

ފަތޯނާ ފާއިޒު

އެއްވެސް ކުޅިވަރެއް ބާކީނުކޮށް، ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން އިންގިލާބީ ބަދަލެއް ގެނެސްފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، ރޭ ބޭއްވި މި އަހަރުގެ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ހަފުލާގައެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރާނީ އެތްލީޓުންނާއި އެ އެތުލީޓުންނަށް އެހީތެރިވެދޭ ބެލެނިވެރިން ކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ އަހަރަކީ ވެސް ރާއްޖޭގެ ކުޅިވަރަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށާއި، އެކި މުބާރާތްތަކުން ރާއްޖެ އިން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަމަށެވެ.

މިނިސްޓަރު މަހްލޫފް ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގައި ބައިނަލްއަޤްވާމީ ނުވަ މުބާރާތެއް ބޭއްވުނުއިރު، ގިނަ އެސޯސިއޭޝަންތަކަށް ކޯޗުން ހަމަޖައްސައި ދިނުމާއި ރާއްޖޭން ބޭރުން އެތައް ފުރުސަތެއް އެތުލީޓުންނަށް ހޯދައިދޭން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ވެސް ގިނަ މަސައްކަތްތަކެއް މިދިޔަ އަހަރު ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އަހަރަކީ ކުޅިވަރުގައި ބޮޑު އަހަރެއް ކަމަށާއި ގިނަ މުބާރާތްތަކަކަށް ބޮޑެތި އަމާޒުތަކެއް އެބަހުރި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!