ޝިޔާމް ދޫކޮށްލައި މޮޓޯކޭޑަށް ހުރަސް އެޅުމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް ހުއްޓުވި މައްސަލައިގައި ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.
ރޭ ޕީޕީއެމް އޮފީސް ދޮރުމަތީގައި މުޒާހަރާ ކުރިއަށް ގެންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑް ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ކުރިއަށް ދިއުމަށް މަސައްކަތް ކުރުމުން މުޒާހަރާގެ ބައިވެރިންވަނީ ވަނީ މޮޓޯކޭޑަށް ހުރަސް އަޅާފައެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ރައީސުލްޖުމްހުރިއްޔާގެ މޮޓޯކޭޑަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި 4 ފިރިހެނަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ރޭގެ މުޒާހަރާގެ ތެރެއިން 8 ފިރިހެނަކާއި 9 އަންހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުލުހުންގެ ޤާނޫނީ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅުމުގެ ތުހުމަތުގައިި ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ދޫކޮށްލާފައެވެ.
ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާ އިސްވެ ހުންނަވައި އެ ޕާޓީން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައިގެންނެވެ. ރޭ ދަންވަރު އޭނާ ވަނީ ދޫކޮށްލާފައެވެ.