ދީން

ހިތްތަކުގެ ފަރުވާއަކީ ދުޢާ, މި ދުޢާތަކުން ހިތްތަކަށް ފަރުވާ ދެއްވާ!

އާއިޝަތު އަލީނާ ، ދެން އޮންލައިން

ރަމަޟާން މަހުގެ ފުއްސެވުމާއި ރުއްސެވުން ހާޞިލް ކުރަން އެދޭ ނަމަ އެންމެ މުހިންމު ކަމަކީ އެކަމުގައި ހިތް ތެދުކޮށްލުމެވެ. ސާފު ކޮށްލުމެވެ. ތައުބާވެ ހެޔޮ ޢަމަލުތަކުގެ މަތީގައި ދެމިހުރުމެވެ.

Ads by MWSC

ހިތުގެ ރޫހީ ފަރުވާއަކީ ދުޢާ އެވެ. ހިތަކީ ތިބާގެ އެންމެ ބޮޑު ޖަވްހަރުކަން ދެނެ ، ދުޢާއިން ހިތަށް ފަރުވާ ކުރައްވާށެވެ. މި ހިމަނާލަނީ ކީރިތި ޤުރުއާނާއި ޙަދީޘްގައި އައިސްފައިވާ ހިތްތަކުގެ ބައެއް ފަރުވާއެވެ. އެބަހީ ދުޢާއެވެ.

رَبَّنَا لا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ اَنْتَ الْوَهَّابُ

" އަޅަމެންގެ ވެރި އިލާހު! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށް ފަހުގައި އަޅަމެންގެ ހިތްތައް ޙައްޤުން ، އީމާންކަމުން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަ އިލާހުގެ ޙަޟްރަތުން ރަޙުމަތެއް ދެއްވާނދޭވެ! ހަމަކަށަވަރުން ، އިބަ އިލާހުއީ ގިނަގުނަ ނިޢުމަތްތައް ދެއްވާ އިލާހެވެ."

اللهم جَدَّدِ الإيمان في قلوبنا

"ހައްދަވާ ބޮޑު ކުރެއްވި އިލާހު! އަޅަމެންގެ ހިތްތަކުގައި އީމާންކަން އާ ކުރައްވާނދޭވެ!"

اللَّهُمَ حَبَّبْ إِلَيْنَا الْإِيمَانَ وَزَيِّنْهُ فِي قُلُوبِنَا

"ހައްދަވާ ބޮޑު ކުރެއްވި އިލާހު! އަޅަމެންނަށް އީމާންތެރިކަމަކީ ލޮބުވެތި އެއްޗެއް ކަމުގައި ލައްވައި އަދި އަޅަމެންގެ ހިތްތަކުގައި އީމާންތެރިކަން ޒީނަތްތެރި ކުރައްވާނދޭވެ!"

اللهم مصرف القلوب صرِّف قلوبنا على طاعتك

"ހައްދަވާ ބޮޑު ކުރެއްވި އިލާހު! އިބަ އިލާހުއީ އެގޮތް މިގޮތަށް ހިތްތައް ބަދަލު ކުރައްވާ އިލާހެވެ. އަޅަމެންގެ ހިތްތައް އިބަ އިލާހުގެ ކިޔަމަންތެރިކަން މަތީގައި ލައްވާށި!"

يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ

"ހައްދަވާ ބޮޑު ކުރެއްވި އިލާހު! އިބަ އިލާހުއީ އެގޮތް މިގޮތަށް ހިތްތައް އަނބުރުއްވާ އިލާހެވެ. މިއަޅާގެ ހިތް އިބަ އިލާހުގެ ދީން މަތީގައި ލައްވާށި!"

ލޮބުވެތި މުސްލިމުންނޭވެ. ހެޔޮ މަގަށް ތިމާގެ މިސްރާބު ސީދާ ކޮށްލުމުގައި އެންމެ މުހިންމު ކަމަކީ ހިތް ސާފު ކޮށްލުމެވެ. ހިތަށް އީމާންކަމުގެ ފަރުވާއިން ފަރުވާ ހޯދާ ، އީމާނުން ހިތް ޒީނަތްތެރި ކޮށްލުމެވެ. ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ދަރުމައާއި ޘަވާބު ހޯދުމަށް މިހައިރުން ފެށިގެން މަސައްކަތް ފަށަމާ ހެއްޔެވެ؟ ހިތްތަކަށް އިޚްލާޞްތެރިކަމާއި އީމާންތެރިކަން ހޯދުމަށް މަސައްކަތް ކުރަމާ ހެއްޔެވެ؟

ކުރިމަތިވަމުން އަންނަ ރަމަޟާނާ ބައްދަލުވާން ކުޑަތަން ވަމުންދާއިރު ތައުބާވެ ހެޔޮ ޢަމަލުތައް މަތީގައި ދެމި ތިބުމަށް އަހުރެންގެ އަމިއްލަ ނަފުސަށާއި އެންމެހާ މުސްލިމުންނަށް ނަސޭހަތްތެރިވެ ވަޞިއްޔަތް ކުރަމެވެ. އެންމެ ހެޔޮ ހާލުގައި އެ މަހާ ބައްދަލު ކުރުމުގެ ހެޔޮ ތައުފީގު މިންވަރު ކުރައްވާށިއެވެ. އަދި އެ މަހުގެ ރުއްސެވުމާއި ފުއްސެވުން އަޅަމެންނަށް ދެއްވާށިއެވެ. އާމީން!

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!