ޚަބަރު ސިޔާސީ

އަމްރު މަޤާމުން ވަކި ކުރީ ސަރުކާރަށް ގޮތް ހުސްވެގެން: އާދަމް ޝަރީފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ހުސައިން އަމްރު މަޤާމުން ވަކިކުރީ ސަރުކާރަށް މިހާރު ގޮތްވެގެން ކަމަށް ޕީއެންސީގެ ނައިބު ރައީސް، އަދި މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮއްވައި އެސްޓީއޯގެ އެމްޑީ މަޤާމުން ވަކިކުރީ ސަރުކާރަށް ގޮތް ހުސްވެގެން ކަމަށާއި މި ސަރުކާރު މިހާރު ނިމެނީ ކަމަށެވެ. އަދި ވެރިކަމުގެ ދެވަނަ ދައުރެއް، އެމްޑީޕީއަށް ނުދިނުމަށް އެ ޕާޓީ ތެރޭން މަސައްކަތް ކުރާ ސަބަބު ދެނެގަންނަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދެވަނަ ދައުރެއް މި ސަރުކާރަށް ނުދިނުމަށް އެމްޑީޕީގެ ތެރެއިން މަސައްކަތްކުރާ ސަބަބު ދެނަގަނެ، އާންމުން އެކަމުން އިބުރަތް ވެސް ލިބިގަންނާނެ." އާދަމް ޝަރީފު ވިދާޅުވިއެވެ.

އަމްރު މަގާމުން ވަކިކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭނާ އަކީ އެމްޑީޕީގެ ރައީީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން"ގައި އިސްކޮށް މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ.

އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރެއްވިއިރު، އަމްރު ތާއީދުކުރެއްވީ ވެސް ނަޝީދަށެވެ.

އެމްޑީޕީގެ އެތެރޭން ރައީސް ޞާލިޙާ ދެކޮޅަށް މަސައްކަތް ކުރައްވާ މެމްބަރުން މަޤާމުތަކުން ވަކި ކުރުމަށް ރައީސް ޞާލިޙުގެ ފެކްޝަނުގެ މެމްބަރުން ދަނީ ގޮވައިލައްވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!