ޚަބަރު

ހަންކެޑެ ތަރައްޤީ ކުރުމަށް ޗައިނާގެ ކުންފުންޏަކަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސ. ހަންކެޑެ ތަރައްޤީ ކުރުމުގެ މަޝްރޫޢު ޗައިނާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމް އުސޫލުން ހަންކެޑެ ތަރައްޤީ ކުރަނީ މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަނުންނެވެ.

އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންޓްރެކްޓް (އީޕީސީ) އުސޫލުން ހަންކެޑެ ތަރައްޤީ ކުރަން ހަވާލުކުރީ ޗައިނާގެ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެންއީއީސީ) އާއެވެ.

މި މަޝްރޫޢުއަށް ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިފައިވެއެވެ.

މި މަޝްރޫއާ ބެހޭގޮތުން ސަރުކާރުން ކުރިން ވިދާޅުވެފައި ވަނީ އައްޑޫގައި 8،000 އެނދު ސަރުކާރުން ތަރައްޤީ ކުރާނެ ކަމަށެވެ. އަދި އައްޑޫގެ މަރަދޫއާއި ގައުކެނޑިއާ ދޭތެރޭ އޮންނަ ހަންކެޑެއަކީ އައްޑޫގައި ޓޫރިޒަމަށް ޚާއްސަކުރި ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެވެ. މި ސަރަހައްދުގައި އެޅުމަށް ނިންމާފައި ވަނީ ގެސްޓު ހައުސްއާއި ހޮޓާ އެކަންޏެއް ނޫނެވެ.

މިސަރަހައްދުގައި ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށް އެކި ބާވަތުގެ ވިޔަފާރި ވެސް ގާއިމު ކުރުމަށް ވަނީ ރާވައިފައެވެ.

ހަންކެޑެ ތަރައްޤީ ކުރަން ނިންމީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2005 ވަނަ އަހަރުއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!