އަންނަ ރިޔާސީ އިންތިޚާބަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް މާލޭ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒުއަށް ހޯއްދަވައި ދެއްވުމަށް ކެމްޕެއިން ކުރާކަމުގެ ތުހުމަތުގައި ޕީޕީއެމްގެ ސުލޫކީ ކޮމެޓީން މައްސަލަ ބަލަމުން އަންނަނިކޮށް މެދު ހެންވޭރު ދާއިރާގެ މާލެ ސިޓީ ކައުންސިލް މެމްބަރު އާދަމް ރަމީޒު، އެ ޕާޓީން ވަކިވެއްޖެއެވެ.
ޕީޕީއެމްގެ ސެނެޓްގައި ހިމެނޭ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި، ރަމީޒުގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ހުށަހެޅީ، އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމުގެ މަތިންނެވެ. މި މައްސަލައިގައި ސުލޫކީ ކޮމިޓީން ވަނީ ރަމީޒުގެ ބަޔާން އިއްޔެ ވަގުތެއްގައި ނަގާފައެވެ.
ޕީޕީއެމުން އިސްތިއުފާ ދިނުމަށް އެދި ރަމީޒު ފޮނުވާފައިވާ ސިޓީގެ ކޮޕީ މިނޫހަށްވެސް ލިބިފައިވާއިރު ،ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް އެޑްރެސްކޮށް އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވީ މިވަގުތު ޕާޓީގެ ހަރަކާތްތަކުގައި އުޅެވެން ނެތުމުގެ ސަބަބުން ޕާޓީން ކެނޑުމަށް ނިންމާފައިވާތީ ޕީޕީއެމްގެ ދަފުތަރުން އޭނާގެ ނަން ވަކިކޮށް ދެއްވުން އެދޭކަމަށެވެ.
ރަމީޒަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާއާ ދެކޮޅަށް ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ހެކިބަސް ދެއްވުމަށް ހަމަޖެހިފައިވާ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. ނަމަވެސް ޕީޕީއެމްއިން ވަނީ ރޭ އެކަން ދޮގުކޮށްފައެވެ.