ޚަބަރު

ފިތުރު އީދު ފާހަގަ ކުރަން ކުޑަގިރިއަށް ދަމާ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އާބަންކޯގެ ފަރާތުން ފިތުރު އީދު ދުވަސް ކުޑަގިރި ޕިކްނިކް އައިލެންޑުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފިއެވެ.

Ads by STELCO

އަރބަން ގެޓްއަވޭއެއްގެ ގޮތުގައި ތަރައްގީކޮށް، ދާދިފަހުން ހުޅުވި ކުޑަގިރި ޕިކްނިކް އައިލެބްޑުގައި މިފަހަރު އީދު ފާހަގަކުރުމަށް ހަމަޖައްސާފައި ވަނީ ކުޑަގިރި އީދު ފެސްޓުގެ ނަމުގަ އެވެ. ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް އެ ދުވަހުގެ ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް ތަފާތު އެކި ހަރަކާތްތައް ރާވާފައިވާ ކަމަށް އާބަންކޯ އިން ބުނެ އެވެ. އޭގެ ތެރޭގައި:

– ކުލަ ޖެހުން
– ކްރޮސްނެޓް ވޮލީބޯޅަ
– ކުޑަކުދިންގެ ކައިޓް ސެޝަން
– ރޮބޯމޭންގެ ހަރަކާތްތައް
– ބޮޑުމަސް ކޯޑި ކެނޑުން އަދި މާލި ހަރަކާތްތައް
– ބޮޑުބެރު، ދަފިނެގުން އަދި ދަނޑިޖެހުމާއި މާފަތި އަދި ބަނޑިޔާ ހަރަކާތްތައް

ބިދަބިން ބޮޑުބެރުގްރޫޕުގެ ހުނަރުވެރިކަން ފެނިގެންދާ މި ހަރަކާތްތަކުގައި ބައިވެރިވުމަށް އެ ދުވަހުގެ ހެދުނު 8:30ން ފެށިގެން އިރު އޮއްސި 7:30 އާ ހަމައަށް ކުޑަގިރިއަށް ހިލޭ އަރާ ފޭބޭނެ އެވެ. އަދި މި ގަޑިތަކުގައި ކުޑަގިރީގައި އުޅޭ މީހުންނަށް ޚާއްސަކޮށް ސްނެކްސް ލިބޭނެ ގޮތަށް ސްޓޯލްތައް ވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

ހެނދުނާއި ހަވީރުގެ ކުޅިވަރު ހަރަކާތްތަކަށް ފަހު ކުޑަގިރި އީދު ފެސްޓު ނިންމާލަން ހަމަޖެހިފައި ވަނީ ގާލާ ނައިޓަކުންނެވެ. މި ގާލާގައި ބައިވެރިވުމަށް ކޮންމެ މީހަކު ވެސް 150ރ ދައްކަން ޖެހޭނެ އެވެ. މީގެ ތެރޭގައި އީދު ސްޕެޝަލް ގާލާ ޑިނާއެއްގެ އިތުރަށް ޑި ޓިއުން ބޭންޑާއި، ބިދަބިން ބޮޑުބެރު ގްރޫޕް ހަރަކާތްތަކުގެ އިތުރަށް ލޯކަލް އަދި އިންޓަނޭޝަނަލް އާޓިސްޓުންގެ އެކި ހަރަކާތްތައް ހިމެނޭނެ ކަމަށް އާބަންކޯ އިން ބުނެ އެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވިތާ ދެ މަސްވެފައިވާއިރު، ކުޑަގިރިއަށް ޒިޔާރާތްކުރި 10،000 ވަނަ މީހާ އިއުލާންކުރުން ވެސް މި ގާލާ ނައިޓްގައި އޮންނާނެ ކަމަށް އާބަންކޯ އިން މައުލޫމާތުދެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!