ތިބާގެ މާޒީއަކީ ތިބާގެ މުސްތަޤުބަލު އާރާސްތު ކުރަން އޮތް ހުރަހަކަށް ނުހަދާށެވެ.
ކޮންމެ މީހެއްގެ ވެސް މާޒީއެއް އޮންނާނެއެވެ. އެކި މީހުންގެ މާޒީގައި ހިނގާފައި ހުންނާނީ އެކި ކަހަލަ ކަންކަމެވެ. ބައެއް މީހުންގެ މާޒީ އެ މީހުންނަށް އުފާވެރިކަން ގެނެސްދޭއިރު އަނެއްބަޔަކަަށް އެ މީހުންގެ މާޒީ ގެނެސްދެނީ ވޭނާއި ހިތާމައެވެ.
މާޒީ އަކީ ހިތި އެއްްޗެއްގެ ގޮތުގައި މޮޅެތި ޝާއިރުން ވަރަށް ގިނައިން ސިފަކޮށްފައި ހުންނަ ތަން ފެނެއެވެ. މާޒީގެ ސަބަބުން ހިތަށް ނުތަނަވަސްވެރިކަން ގެނުވާ ކަމުގައި އެތައް ވާހަކަ ތަކަކުން ވެސް ފެނިފައި އެބަހުއްޓެވެެ. މާޒީގެ ސަބަބުން ބައެއް މީހުންގެ ލޮލުން ކަރުނަ ނުހިކޭ ފަހަރު ވެސް އާދެއެވެ.
އަޅުގަނޑުމެން އެކަކީވެސް އެންމެ ފުރިހަމަ މީހާ އެއް ނޫނެވެ. އަޅުގަނޑުމެން އެންމެންނަށް ވެސް ކުށް ކުރެވެއެވެ. ކުށް ކުރުމަކީ އިންސާނާގެ ތަބީއަތުގައި ވާކަމަކަަށް ވާތީއެވެ. ޝައިތާނާގެ ވަސްވާހުގައި ޖެހި ދުވަހަކު ކުރަން ހިތަަށް ނާރާ ކަންކަން ވެސް ދިރިއުޅުމުގައި ވެދާނެއެވެ.
މާޒީގައި ވަރަށް ވިޔާނުދާކޮށް އުޅެފައި ހުރި މީހަކުވެސް އިސްލާހު ވެދާނެއެވެ. މާޒީއަކުން މީހެއްގެ މުސްތަގުބަލު ކިޔައެއް ނުދެވޭނެއެވެ. މާޒީ އަށް ބަލައި މީހެއްގެ މުސްތަގުބަލާމެދު ގޮތެއް ވެސް ނުނިންމޭނެއެވެ. ކޮންމެ މީހަކީ ވެސް ބަދަލު ވެދާނެ މީހެކެވެ. ހަމައެހެންމެ ކޮންމެ މީހަކީ ވެސް ބަދަލު ވެވޭނެ މީހެކެވެ.
ކޮންމެ މީހަކީ ވެސް ބަދަލު ވެވިދާނެ މީހެއްކަން ގަބޫލުކޮށް ކުރިން ވިޔާނުދާކޮށް އުޅުނު ގިނަ ބަޔަކު މިއަދު އިސްލާހުވެފައިވާ ތަން ވެސް ފެނެއެވެ. ނަމަވެސް ހިތާމައަކީ މުޖުތަމައުން އެމީހުންނާ މެދު ދެކޭ ގޮތެވެ. ކިތައްމެ ވަރަށް ދޮން ކުރިއަސް ދުނބުރިއެއް އަނބަކަށް ނުވާނޭ ބުނެ އެމީހުން ވެސް ދުވަހަކު ވެސް އިސްލާހު ނުވާނޭ ކަމަށް ދުށުމެވެ. ނަމަވެސް ހަގީގަތަކީ އެއީ އެއް ނޫނެވެ.
ކުރިން ވިޔާނުދާ އުޅުމެއް އުޅުނު މީހަކަަށް އެއުޅުން ބަދަލު ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. ނަމަވެސް އެއީ ނުވާނޭ ކަމެއް ކަމުގައި ވިސްނުމަކީ ކުރެވޭ ވަރަށް ބޮޑު ކުށްހީއެކެވެ.
މާޒީއާ ދޭތެރޭ ވިސްނައި ހިތާމަ ކުރާނީ މޮޔައިން ކަމުގައި ބުނާތީ އަޑު އަހަމެވެ. ބައެއް ފަހަރަށް އެއީ ތެދެއް ކަމުގައި ގަބޫލު ކުރަން މަޖުބޫރު ވަނީ، މާޒީ އަކީ ކިތަންމެ ހިތާމަ އެއް ކުރިއަސް ބަދަލު ނުވާނޭ އެއްޗެއް ކަން އެނގޭތީއެވެ.
މާޒީއާމެދު ވިސްނާ ފިކުރުކޮށް ބޯގޮވައި މީހާ “ޑިޕްރެޝަން” އަށް ދިޔަ ނަމަވެސް އެ ދުވަސްތައް ބަދަލު ނުވާނެކަން ގައިމެވެ. އެއަށްވުރެ ތިބާގެ މުސްތަގުބަލާމެދު ވިސްނައި އެދުވަސްތައް އުޖާލާ ކުރުމަށް މަސައްކަތް ކުރުން މާ ބުއްދިވެރިއެވެ. ދިރިއުޅުމުގެ ވަކި ހިސާބެއްގައި ކުރެވިފައި ހުރި ވިޔާނުދާ ކަންތައްތަކެއްގެ ސަބަބުން މުސްތަގުބަލާމެދު އުއްމީދު ކަނޑައިލުމަކީ ހައްލެއް ނޫނެވެ. މާޒީ ކިތަންމެ އަނދިރި ނަމަވެސް މުސްތަގުބަލު އުޖާލާކޮށް އަލި ކުރެވިދާނެއެވެ.
މާޒީގެ ހަނދާންތައް ނައްތާލުމަކީ ދުވަހަކު ވެސް ނުވާނޭ ކަމެއްކަމުގައި ވެސް ވެދާނެއެވެ. ނަމަވެސް އެ ހަނދާންތަކަކީ ތިބާގެ މުސްތަގުބަލު އާރާސްތުކުރުމަށް އޮތް ހުރަހަކަށް ހަދާކަށް ނުވާނެއެވެ.