26th June 2024, Wednesday

ޚަބަރު ސަރުކާރު

އިންޑިއާގެ އެހީއެކު ކުރިއަށް ގެންދާ ހައިޑްރޯގްރަފީ ސާވޭ ވަރަށް ބޮޑަށް ކުރިއަށް ގޮސްފި: ރައީސް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަވަށްޓެރި ޤައުމުތަކާއެކު ރާއްޖެއިން ބާއްވަމުން އަންނަ ޒަމާންވީ ގާތްގުޅުމުގެ ތާރީޚަށް އަލި އަޅުވާލައްވާފައެވެ. އަދި ދެ ޤައުމުގެ މަތީފަންތީގެ ބޭފުޅުންގެ ދަތުރުފުޅުތަކާއި ، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކާއެކު ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ads by Hajj Corporation

އިންޑިއާގެ ޑިފެންސް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ކުރިމަގުގައިވެސް ދިފާޢީ ދާއިރާއިން ދެ ޤައުމުން ގުޅިގެން މަސައްކަތްކުރައްވާނެކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ކޮމިޝަން ކުރެވިގެންދިޔަ، އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި ކޯސްޓްގާޑް އުޅަނދު "ހުރަވީ" އަދި ލޭންޑިންގ ކްރާފްޓްގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ޤާބިލުކަން އިތުރު ވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ ހައިޑްރޯގްރަފީ ސާރވޭގެ މަސައްކަތް ވަރަށް ބޮޑަށް ކުރިޔަށްގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ސާވޭތައް ކުރިޔަށްގެންދިއުމަށް ބޭނުންވާ އިކުއިޕްމަންޓްގެ އެހީތެރިކަންދެއްވާތީ އެކަން ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ނޫ އިޤްތިޞާދުގެ ސިޔާސަތަށް އެހީތެރިވެދިނުމުގެ ގޮތުން ޖުމްލަ ތިން ބުރެއްގެ ސާވޭގެ މަސައްކަތް ކުރިޔަށްގެންގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި މި ސާވޭގެ ދަށުން ތައްޔާރުކޮށްފައިވާ ޗާޓުތައް ދިވެހި ސަރުކާރާ ޙިއްޞާ ކުރައްވާފައިވާކަން ފާހަގަކުރައްވައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަނީ ޗާޓުތަކަށް އަޕްޑޭޓްކުރުމުގެ މަސައްކަތުގައި ވެސް އިންޑިއާގެ އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިންޑިއާއިން ރާއްޖެއަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވައި އެކިދާއިރާތަކުން އިންޑިއާއިން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމާ އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އަދި މި ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމާލައްވަމުން އިންޑިއާގެ ޑިފެންސް މިނިސްޓަރ ވަނީ ރާއްޖޭގައި އިންޑިއާއިން ކުރިޔަށްގެންދާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ ކުރިއެރުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އަދި ކުރިމަގުގައި ވެސް އިންޑިއާގެ އެއްބާރުލުމާއި އެހީތެރިކަން ރާއްޖެއަށް ލިބެމުންދާނެކަމުގެ ޔަޤީން އިންޑިއާގެ ޑިފެންސް މިނިސްޓަރ ދެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!