ޚަބަރު

ކޯސްޓްގާރޑް ޝިޕް "ހުރަވީ" ރައީސުލްޖުމްހޫރިއްޔާ ކަމިޝަންކޮށްދެއްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި، އޯފްޝޯ ޕެޓްރޯލް ވެސަލް، "ޝިޕް ހުރަވީ"، ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމިޝަންކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭގައި އެމްއެންޑީއެފް ކޯސްޓްގާރޑުގެ އުޅަނދުފަހަރު ބަނދަރުކުރާ ސަރަޙައްދުގައެވެ.

Ads by MWSC

އިންޑިއާ ސަރުކާރުން، ދިވެހިރާއްޖެއަށް ހަދިޔާކުރި، އޯފްޝޯރ ޕެޓްރޯލް ވެސަލް ކަމިޝަންކޮށްދެއްވައި ޚިދުމަތަށް ނެރެދެއްވުމުގެ ގޮތުން، އެ އުޅަނދުގައި ނެގުމަށް ދިވެހި ޤައުމީ ދިދަ، ކޮމާންޑިންގ އޮފިސަރަށް ޙަވާލުކޮށް ދެއްވައި، އުޅަނދުގެ ނަންބޯޑު ކަޝްފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. މި އުޅަނދުގެ ނަމަކީ "ސީ.ޖީ.އެސް ހުރަވީ" އެވެ. މިއަދު ޚިދުމަތަށް ނެރެވުނު މިއުޅަނދަކީ، ކުރިން އިންޑިއާ ސަރުކާރުން ހަދިޔާކުރި، "ސީ.ޖީ.އެސް ހުރަވީ" ގެ ނަމުގައި ބޭނުން ކުރަމުން އައި އުޅަނދުގެ ބަދަލުގައި ދެއްވާފައިވާ އުޅަނދެކެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި، އޯފްޝޯރ ޕެޓްރޯލް ވެސަލްގެ އިތުރުން، ލޭނޑިންގ ކްރާފްޓް ދިވެހި ސަރުކާރާ ޙަވާލުކުރެއްވުމުގެ ގޮތުން އެ ދެ އުޅަނދުގެ މޮޑެލް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާ ޙަވާލުކޮށްދެއްވީ، އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަޖްނަތު ސިންގއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ އިންޑިއާގެ މި ހަދިޔާގެ އަގުވަޒަން ކުރައްވައި ޚާއްޞަ ހަނދާނީ ފިލައެއް ރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަޖްނަތު ސިންގއަށް އަރުއްވައިފައެވެ.

އިންޑިއާ ސަރުކާރުން މި ހަދިޔާކުރި އުޅަނދުތަކުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާރޑުގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުވެ ދިވެހި ރާއްޖޭގެ ދިފާޢު އަދި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގަ އާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމަށް ކުރައްވާ މަސައްކަތް އިތުރަށް ހަރުދަނާވާނެއެވެ.

މި ރަސްމިއްޔާތުގައި، އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަޖްނަތު ސިންގ އާއި ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި، އިންޑިއާ ސަރުކާރުގެ ވަފުދުގެ ބޭފުޅުންގެ އިތުރުން ސިފައިންގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!