40 އަހަރުގެ ހިދުމަތަށްފަހު ރާއްޖޭގެ ފުރަތަމަ ޕައިލެޓު ރިޓަޔަރ ކުރައްވައިފި

40 އަހަރުގެ ހިދުމަތަށްފަހު ރާއްޖޭގެ ފުރަތަމަ ޕައިލެޓް ކެޕްޓަން އިބްރާހިމް ރަޝީދު ރިޓަޔަރ ކުރައްވައިފިއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ޕައިލެޓް އިބްރާހީމް ރަޝީދު އެންމެ ފުރަތަމަ ޚިދުމަތާ ގުޅިވަޑައިގަތީ 1983 ވަނަ އަހަރު އެއާރ މޯލްޑިވްސްއާއެވެ. މެދުކެނޑުމެއްނެތި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި އުދުހުމަށްފަހު ކެޕްޓަން އިބްރާހީމް ރަޝީދު ވަނީ އެންމެ ފަހު ދަތުރަށްފަހު މިއަދު ޚިދުމަތުން ރިޓަޔަރކުރައްވާފައެވެ.
ކެޕްޓަން އިބްރާހިމް ރަޝީދު އުމުރުން 65 އަހަރުގައި ރިޓަޔާވުމުގެ ކުރިން މިއަދު ވަނީ އދ.މާމިގިލިން މާލެއަށް ފުލައިޓްގައި އެންމެ ފަހު ދަތުރު ކުރަށްވާފައެވެ. އެ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ވަނީ ވޯޓާ ސެލިއުޓެއް ދީފައެވެ. އެ ދަތުރާ އެކު ކެޕްޓަން ރަޝީދުގެ ހިދުމަތުގެ އަގު ވަޒަންކުރުމަށް ވީއައިއޭގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
ވިލާ އެއާގައި މަސައްކަތް ކުރައްވަނިކޮށް، ހިދުމަތުން މުސްކުޅި ކުރެއްވި ޕައިލެޓް ލައިސަންސް ނަންބަރު ATPL001، ކެޕްޓަން ރަޝީދު ވަނީ ސިފައިންގޭގެ އިތުރުން އެއާ މޯލްޑިވްސްގައި ވެސް މަސައްކަތް ކުރައްވައިފައެވެ.