ހުރިހައި ދުވަސްތަކެއްގައި ވެސް ކުޑަކުދިންނަށް ލޯތްބާއި އަޅައިލުން ދޭން ޖެހޭ: ރައީސް މައުމޫން

އަހަރުގެ ހުރިހައި ދުވަސްތަކެއްގައި ވެސް ކުޑަކުދިންނަށް ލޯތްބާއި އަޅައިލުން ދޭންޖެހޭ ކަމުގައި، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިފަދައިން ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރާ މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ.
ކުޑަކުދިންގެ ދުވަހުގެ ހެޔޮއެދުންތައް ރާއްޖޭގެ ހުރިހައި ލޮބުވެތި ކުޑަކުދިންނަށް ފޮނުއްވައިމުން، އެމްއާރްއެމްގެ ޒަޢީމް، ރައީސް މައުމޫން ވިދާޅުވީ ހަޤީޤަތުގައި އަހަރުގެ ހުރިހައި ދުވަހަކީ ވެސް ކުޑަކުދިންނަށް ލޯތްބާއި އަޅައިލުން ދޭންޖެހޭ ދުވަސްތަކެއް ކަމަށެވެ.
“ކުޑަކުދިންގެ ދުވަހުގެ ހެޔޮއެދުންތައް ރާއްޖޭގެ ހުރިހައި ލޮބުވެތި ކުޑަކުދިންނަށް ނުހަނު ލޯތްބާއެކު ފޮނުވަން. ހަޤީޤަތުގައި އަހަރުގެ ހުރިހައި ދުވަހަކީ ވެސް ކުޑަކުދިންނަށް ލޯތްބާއި އަޅައިލުން ދޭންޖެހޭ ދުވަސްތަކެއް. ދުނިޔޭގެ ހުރިހައި ކުޑަކުދިން ވެސް މި ހެޔޮ އެދުމުގައި ޝާމިލު ކުރަން.“
މިއަދު ފާހަގަ ކުރަމުން އަންނަ ކުޑަ ކުދިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ، ތަރައްޤީގެ ވިސްނުމުގައި ދަރިން ތަރުބިއްޔަތު ކުރުމަށް ގޮވައިލައްވައިފައެވެ.