މިޢުވާން މިހެން ވިދާޅުވީ ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަމާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް ބާއްވަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީމަރުކަޒުތަކަށް ސަރުކާރުން ޢައްޔަންކުރައްވާފައިވާ އިސް ފަރާތްތަކާއެކު މިދިޔަ އަހަރުގެ ފަހުކޮޅު ރައީސް ފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިއަހަރު އެންމެބޮޑު އިސްކަމެއް ދެއްވާނެކަމަކީ ޞިއްޙީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅުކޮށް ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށް ކަމުގައި ވިދާޅުވެފައެވެ.
އިއްޔެ ބޭއްވި ޕްރެސްކޮންފަރެންސްގައި ސަރަޙައްދީ ހޮސްޕިޓަލްތަކުގައި ތަޢާރަފް ކުރައްވާފައިވާ ބައެއް އާ ޚިދުމަތްތަކަށް އަލިއަޅުވާލައްވަމުން މިޢުވާން ވަނީ ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ލެޕްރޮސްކޯޕިކް ސާރޖަރީ ގެ ޚިދުމަތާއި، އެޑްވާންސް ވޫންޑް ކެއަރ ގެ ޚިދުމަތާއި ކީމޯ ތެރަޕީ ގެ ޚިދުމަތް ފަށާފައިވާކަމުގައި ވިދާޅުވެފައެވެ.
އަދި ކީމޯގެ ޚިދުމަތް މިހާރު ތިނަދޫގައި ފަށާފައިވާކަމަށާ ލެޕްރޮސްކޯޕިކް ސާރޖަރީ ޚިދުމަތް ފެށުމަށް ބޭނުންވާ މެޝިނަރީޒް ވެސް މިހާރު ތިނަދޫގައި ޤާއިމުކޮށްފައިވާކަން މިޢުވާން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ލެބޯޓްރީ ޤާއިމުކޮށްފައިވާ 112 ޞިއްޙީ މަރުކަޒުތަކުން ދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ލޭއެޅުމަށް ބޭނުންވާ ތަކެތި ރަށްތަކާއި ހަވާލުކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާކަން ވެސް މިޢުވާން ފާހަގަކުރެއްވިއެވެ.