އެމްޑީޕީއާއި ވަކި ނުކުރެވޭނެ، ޕާޓީ އަނބުރާ ހޯދާނަން: ރައީސް ނަޝީދު
"ފިކުރެއްގެ ދިރުން" ހަރަކާތުގައި ބައިވެރިވާ މެންބަރުން ޕާޓީން ވަކި ނުކުރެވޭނެ ކަމަށާއި ޕާޓީ އަނބުރާ ހޯއްދަވާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކާއި، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދާއި ހެރިޓޭޖް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނެވި މުހައްމަދު ނާޒިމް (ބައުންޓީ) އެމްޑީޕީ އޮފީސް ދޮރުމައްޗަށް އެއްވެ، ޕާޓީއަށް ގައްދާރުވާ މީހުން ޕާޓީން ވަކިކުރުމަށް ގޮވާލުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ތިއްބެވި ގްރޫޕެއްގައި ރައީސް ނަޝީދު ވަނީ ނާޒިމް ޕާޓީގައި އެމަނިކުފާނު ހުންނެވުމުން އުނދަގޫވީތޯ ސުވާލުކޮށްފައެވެ. ރައްދުގައި ނާޒިމް ބުނެފައިވަނީ އެތަނުގައި ގޮވާލީ ގައްދާރުވާ މީހުން ޕާޓީން ވަކިކުރުމަށް ކަމަށާއި ރައީސް ނަޝީދުވެސް ޕާޓީއަށް ގައްދާރުވީތޯ ސުވާލުކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފިކުރު އެމަނިކުފާނު ދިރުވާނެކަމަށާއި ފިކުރެއްގެ ދިރުމަށް ތާއީދުކުރާ މީހުން އެމްޑީޕީއާ ދުރުވެސް ނުކުރެވޭނެ ކަމަށެވެ. އަދި އެމްޑީޕީ އަނބުރާ ހޯދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ހިތް އެމްޑީޕީ އާއި ވަކި ނުވާނެ. އަދި އަޅުގަނޑުމެން އެމްޑީޕީ ފިކުރުގެ ދިރުން ނެރޭނެ. އެމްޑީޕީ އަނބުރާ ހޯދާނެ” ރައީސް ނަޝީދު ވިދާޅުވިއެވެ.
ބޭރުކުރޭ ބޭރުކުރޭ މާލަސްވެއްޖެ! ތިޔަ ފިކުރު ފަކުރަށް ވެއްޖެ!