ވެންޓިލޭޓަރު ގަތުމަށް ދުބާއީ ކުންފުންޏާ ހަވާލުކުރީ ދިވެހި ކުންފުނިތަކަށް ވުރެ އަގު ބޮޑުކޮށް: އޮޑިޓް
ކޮވިޑް19 އާ ގުޅިގެން ގެނައި ވެންޓިލޭޓަރު ގަތުމަށް ދުބާއީ ކުންފުންޏާ ހަވާލުކުރީ ދިވެހި ކުންފުނިތަކަށް ވުރެ އަގު ބޮޑުކޮށް ކަމަށް ހާމަވެއްޖެއެވެ.
މިކަން ހާމަވެގެން ދިޔައީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުންނެވެ.
އެ ރިޕޯޓުގައި ވަނީ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް އާ އެކު ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައި.ސީ.ޔޫ ވެންޓިލޭޓަރު ކަމަށެވެ.
މި އައި.ސީ.ޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް އާ އެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް 501،150 ( ފަސްލައްކަ އެއް ހާސް އެއް ސަތޭކަ ފަންސާސް) ރުފިޔާ އަކީ، އައި.ސީ.ޔޫ ވެންޓިލޭޓަރު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ދިވެހި ބައެއް ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަން ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ދިވެހި ކުންފުނިތަކުން އައި.ސީ.ޔޫ ވެންޓިލޭޓަރު ގަތުމަށް އެއްބަސްވެފައިވާ އަގުތަކަށް ބަލާއިރު، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 288،914 ރުފިޔާ އަދި ނާޑު ޕްރައިވެޓް ލިމިޓެޑުން ހުށަޅާފައިވަނީ 351،577 ރުފިޔާ އެވެ.
75 ވެންޓިލޭޓަރު ގަތުމާއި ގުޅޭގޮތުން ކޮށްފައި ހުރި މުޢާމަލާތްތަކުގައި، އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގ ނަމުގެ އިތުރުން، އިމަރޖެންސީ ހެލްތު ކެއަރ ޓްރެއިނިންގ ސެންޓަރގެ ނަމުގައި މުޢާމަލާތް ކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މިގޮތުން ފޮނުވާފައިވާ ޕްރޮފޯމަރ އިންވޮއިސްގައި މި ދެ ފަރާތުގެ ނަން އޮތްކަންވެސް ފާހަގަކުރެވޭ ކަމަށާއި ނަމަވެސް، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގްއާއި އިމަޖެންސީ ހެލްތް ކެއަރ ޓްރެއިނިންގ ސެންޓަރއާ ހުރި ގުޅުން ލިޔެކިއުންތަކުންނާއި އެއްބަސްވުމުގައި ސާފުކޮށް އެނގެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.
އޮޑިޓް އޮފީހުން ވަނީ މިނިސްޓްރީގެ މާލީ މުޢާމަލާތްތައް މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ގެންދިއުމަށްޓަކައި، އެކަށީގެންވާ ނިޒާމެއް ޤާއިމްކުރުމަކީ މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތަކަށް ވާއިރު، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ބެހެއްޓުމަކާ ނުލައި، އެޑްވާންސްގެ ގޮތުގައި ޕްރޮޖެކްޓްގެ އަގުގެ %90 ދީފައި ވުމުންނާއި، މި މުޢާމަލާތާ ގުޅިގެން ޕަރފޮމަންސް ގެރެންޓީއެއް ބަހައްޓާފައި ނުވުމުން، މިކަމުގައި މާލީ ޒިންމާދާރު ވެރިޔާގެ ޒިންމާ އަދާކުރެވިފައި ނުވާކަމަށް ބެލެވޭތީ، މިކަން ތަޙުޤީޤު ކުރުމަށް އަންގާ ކަމަށެވެ.
އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.06 އަދި 6.03 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު، މި ފައިސާ ޚަރަދު ކުރުމަށް ޕޭމަންޓް ވައުޗަރު/ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށް ހުއްދަ ދީފައިވާ ފަރާތްތައް ޒިންމާ އަދާ ކުރެވިފައި ނުވާކަމަށް ބެލެވޭތީ، މިކަން ވެސް ތަޙުޤީޤު ކުރުމަށް ވަނީ އަންގާފައެވެ.