ރޮޒައިނާ އެމްޑީޕީ އިން ވަކިި ކުރަން ރައީސް ނަޝީދު ހުށަހަޅުއްވައިފި
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެ ޕާޓީ އިން ވަކި ކުރުމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.
ރައީސް ނަޝީދު އެމްޕީ ރޮޒައިނާ އެ ޕާޓީއިން ވަކި ކުރުމަށް ހުށަހަޅައިފައިވަނީ އެޕާޓީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއަޕް ގުރޫޕުގަ އެވެ. މި ޗެޓުގެ ސްކްރީންޝޮޓެއް "ދެން" އަށް ވަނީ ލިބިފައެވެ.
"ރޮޒައިނާ އާދަމް އެމްޑީޕީގެ މެމްބަރުކަންމުން ވަކިކުރުމަށް އަޅުގަނޑު ހުށަހަޅަން،" ވަޓްސްއަޕް ގުރޫޕަށް ރައީސް ނަަޝީދު ފޮނުވި މެސެޖްގައި ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެކަމަށް ފާޅުގައި ދެކޮޅު ހައްދަވާ، ރައީސް ނަޝީދު އާ ދެކޮޅަށް ރޮޒައިނާ ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން ރޮޒެއިނާ ވިދާޅުވީ އެއް ގައުމެއްގައި ދެ ރައީސުންނަށް ނުތިއްބެވޭނެ ކަމަށާއި އެކަމަނާ ހުންނެވީ ރައީސް ސޯލިހުގެ ފަހަތްޕުޅުގައި ކަމަށެވެ.
"އިދިކޮޅު ޕާޓީ ހެދިގެން މަޖިލިސް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ޖެއްސުން ކުރާކަށް ނޫން. މިހާރު ދެން ބޮޑުވަރު" ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާގެ އެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ރޮޒެއިނާ އަށް ރައްދު ދެއްވައި ވިދާޅުވީ ރޮޒައިނާގެ މަޅީގައި އެމްޑީޕީގެ އެކަކުވެސް ނުޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ތެރޭގައި ވަކި ޕަވަރބޭސް އާއި ނެޓްވޯކް ހަދައިގެން އުޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
މިކަމަށް ރައްދު ދެއްވައި ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޔެސް ބޮސް" ކިޔަން ދަސްވެފައި ނެތުމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރުމަށް އޭނާ އަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަން ކަމަށެވެ.
"މިހެން މިކަން އޮތަސް، ފުރައްސާރަ ކުރިޔަސް، ބުނަންޖެހޭ އެއްޗެއް ސާބިތުކަމާއެކު ހަމަ ބުނަމުންދާނީ. ވާ އެއްޗެއް ވާނެ" ރޮޒެއިނާ ވިދާޅުވިއެވެ.
ޕާޓީގެ ދާދާ ހަޖަމެއް ނުވާނެ ދޯ އެހެން މީހަކު އެއްޗެއްހުނެފިނަމަ
ސާބަހޭ ރޮޒައިނާގެ ތިހިތްވަރަށް