ބޮޑީބިލްޑިން އެސޯސިއޭޝަންގެ ބޮޑު ދެ މުބާރާތެއްގެ ސްޕޮންސަރ އަކަށް އާބަންކޯ

މި އަހަރު ބޮޑީ ބިލްޑިންގް އެސޯސިއޭޝަންގެ ބޮޑު ދެ މުބާރާތެއް ސްޕޮންސަރ ކުރުމުގެ އެއްބަސްވުމުގައި، އެސޯސިއޭޝަނާއި އާބަންކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އާބަންކޯގެ ފަރާތުން، މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަތީފެވެ. އަދި ބޮޑީބިލްޑިންގ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަނުގެ ރައީސް އިބްރާހީމް ހަމީދެވެ.
އެއްބަސްވުމުގެ ދަށުން ބޮޑީ ބިލްޑިންގް އެސޯސިއޭޝަންގެ ދެ މުބާރާތެއްގައި ސްޕޮންސަރެއްގެ ގޮތުން އާބަންކޯ އެހީވެދޭން ހަމަޖެހިފައިވެއެވެ.
އެއީ އެސޯސިއޭޝަންގެ ފަރާތުން ބާއްވާ މިސްޓަރ މޯލްޑިވްސް 2023 ގެ ޓައިޓަލް ސްޕޮންސަރ، އަދި ސައުތު އޭޝިއަން ބޮޑީ ބިލްޑިންގ އެންޑް ފިޒިކްސް ގެ ކޯ – ސްޕޮންސަރ އެއްގެ ގޮތުގައެވެ.
އާބަންކޯއިން މި ދެ މުބާރާތުގައި ހަރަކާތްތެރިވުމަށް ބޮޑީބޮލްޑިންގ އެސޯސިއޭޝަނާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކުޅިވަރުތަކާއި، ޒުވާނުން ކުރިއަރުވައި ފުރުސަތުތައް ހޯދައިދިނުމަށް އާބަންކޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް އެކުންފުނިން ބުނެއެވެ.
މި ދެމުބާރާތްވެސް އޮންނާނީ ކުރިއަށް އޮތް ޖުލައި މަހުގެ ތެރޭގައެވެ.
މިސްޓަރ މޯލްޑިވްސް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ ތިން ވަނަ ދުވަހުއެވެ.
އަދި ސައުތު އޭޝިއަން ބޮޑީ ބިލްޑިންގ އެންޑް ފިޒިކްސް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި މުބާރާތް މާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.