މުނިފޫހިފިލުވުން ދިވެހި ސިނަމާ

ދިވެހިންނަށް އަދިވެސް ކަމުދަނީ ނަހުލާގެ ލޯބި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފާތިމަތު ނަހުލާ ޑައިރެކްޓުކޮށްފައިވާ ބައެއް ފިލްމުތައް

ވޭތުވެދިޔަ ދިގު މާޒީގައި ދިވެހި ފިލްމީ އޯޑިއެންސް ބޮޑުވެއްޖެ އެވެ. ރީކޯ މޫސާ މަނިކާއި ނިއުމާ މުހައްމަދުގެ "ފަތިސްހަނދުވަރު" ން ގާއިމްކުރި ރެކޯޑާއިއެކު ބިރުވެރި ފިލްމުތަކަށް ދިވެހިންގެ ހިތްތަކުގައި ދެވިފައި އޮތް ލޯބި އެނގުނެވެ. މި ރެކޯޑު ދުވަސްތަކެއް ވަންދެން އެ ފިލްމުން ދެމެހެއްޓި އެވެ. ރެކޯޑު ދެން ބިންދައިލީ މަގްބޫލު ފިލްމު އުފެއްދުންތެރިޔާ ފާތިމަތު ނަހުލާ އެވެ. ނިއުމާ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި ޝިރާނީ އެމީހުންގެ ލޯބީގެ ޖާދުލުގައި ޖެއްސީ "ކަލާޔާނުލާ" އިންނެވެ.

Ads by Sosun Fihaara

މިހާހިސާބަކުން ނުނިމުނެވެ. ނަހުލާ ދިޔައީ ފަހަރަކު ފިލްމަކުން މި ރެކޯޑު މުގުރަމުންނެވެ. އެންމެ ފަހުން ގޮސް މަޑުޖެހުނީ "ޔޫސުފް" ގަ އެވެ. މުޅި އޮލިމްޕަސް ގުގުމާލައި ރާއްޖޭގެ ހުރިހާ ރަށެއްގައި މިފިލްމު ރަސްކަން ކުރި އެވެ. މިފިލްމަށް މިއަދާއި ހަމައަށް 15 އަހަރު ވެގެން ދިޔައިރުވެސް ރެކޯޑު މުގުރައިލެވޭ ފިލްމެއް އުފެއްދިފައެއް ނުވެ އެވެ.

ޑައިރެކްޝަނުން ނަހުލާ ދުރުވީއެއްކަމެއް ބްރޭކެއް ނެގީއެއްކަމެއް ރަސްމީކޮށް ބުނެފައެއް ނެތެވެ. އެހެންނަމަވެސް ފިލްމު "4426" އަށްފަހު އޭނާގެ ޑައިރެކްޝަނެއް ނުފެނުނެވެ.

ދިވެހި ސިނަމާއަށް ލޯބީގެ އެތައް ފިލްމެން ދެންވެސް އައެވެ. މިސާލަކަށް "ބޮސް"، "ހައްދު" މިއީ ވަރަށް ލޯބި ފިލްމުތަކެވެ. އެކަމަކު ރެކޯޑެއް ގާއިމެއް ނުކުރެވުނެވެ. ބެލުންތެރިންގެ ތަރުހީބު މިފިލްމުތަކަށް ލިބުނަސް ނަހުލާގެ "ހައިޕެއް" ކްރިއޭޓެއް ނުކުރެވުނެވެ.

އޭގެ ފަހުން އެހެން ޖޯންރާތަކުގެ ފިލްމުތައްވެސް ސިނަމާއަށް އައިސްފި އެވެ. "ވިޝްކާ"، "ގޮށްރާޅު"، "ބަވަތި" "ނިވައިރޯޅި" ފަދަ ތްރިލާތައް ބެލުންތެރިންނަށް ދޫކޮށްލި އެވެ. ކާމިޔާބުވެސް ވި އެވެ. އެކަމަކު ލޯބިން ހޯދި ދިވެހިންގެ ލޯތްބެއް އެވަރަކަށް ނުލިބުނެވެ.

ރޮމޭންޓިކް ކޮމެޑީ އާއި ކޮމެޑީ ފިލްމުތަކަށްވެސް ބެލުންތެރިންގެ ތަރުހީބު އޮވެ އެވެ. އެކަމަކު ރެކޯޑެއް މުގުރައެއް ހަމަ ނުލެވެ އެވެ.

ނަހުލާގެ ރެކޯޑު 15 އަހަރަށް ދިގުދެމިގެން ދިޔައިރު އޭނާއާއި ވާދަކޮށްލެވޭ ވަރުގެ ވާހަކަ ލިޔުންތެރިޔަކު އަދި ޑައިރެކްޓަރަކުވެސް އަދި ނެތޭ ދެންނެވުން ކުށަކަށް ނުވާނެ އެވެ. އެހެން މީހުންގެ ވާހަކަތަކުގައި އެ އަސަރެއް އެ ލޯތްބެއް ނުހުރެ އެވެ. ނަހުލާ ހިތުގަ ޖައްސާހެން ކޮންމެ ކޮންމެ މީހަކަށް ހިތަކުވެސް ނުޖެއްސެ އެވެ.

"ޔޫސުފް" ގެ ރެކޯޑު ދެމި އޮންނާނީ ކިހާ ދުވަހަކަށްބާ އެވެ. ނަހުލާގެ ރެކޯޑު މުގުރައިލެވޭނީ ހަމަ ނަހުލާއަށްކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. މިހަގީގަތް ބަދަލުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މި އަހަރު ލޯބީގެ ފިލްމަކަށް އެޅުވީ "ލޯބިވެވިއްޖެ" އެވެ. ވަރަށް ކާމިޔާބު ފިލްމެކެވެ. އެކަމަކު އަދިވެސް އޮތީ ތަންކޮޅެއް ފަހަތުގަ އެވެ. ދެން މިއަހަރު އަސަރުގަދަ ލޯބީގެ ފިލްމެއް ސިނަމާއަށް އަންނާނެކަމަކަށް ނުބެލެވެ އެވެ. ދެން ހުރީ ތްރިލާ އާއި ބިރުވެރި ފިލްމުތަކެވެ. އެކަމަކު ރެކޯޑެއް ގާއިމްކުރުމުގެ ފުރުސަތު ހަމަ އެބަ އޮތެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!