ޚަބަރު

ހުޅުމާލޭގައި މަގު ހުރަސް ބައްތި ބޭނުންކުރަން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލެގައި ފުރަތަމަ ފަހަރަށް "މަގުހުރަސް ބައްތި" އިފްތިތާޙްކޮށްފިއެވެ. މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި މަގުހުރަސް ބައްތިތައް އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖެގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

Ads by Sosun Fihaara

މަގުހުރަސް ބައްތި ނުވަތަ ޕެޑެސްޓްރިއަން ކްރޮސިންގ ލައިޓްތަކަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރުވެސް ބޭނުން ކުރެވެމުން އަންނަ ލައިޓްތަކެކެވެ. އަދި މި ލައިޓްތައް އާއްމުކޮށް ބަހައްޓަނީ ދުއްވާ އުޅަނދުތައް ހުއްޓުވައި، ހިނގާފައިދާ ގިނަ އަދަދެއްގެ މީހުންނަށް ރައްކާތެރިކަމާއެކު ހުރަސްކުރުމަށް ފަސޭހަކޮށްދިނުމަށެވެ.  

މަގުހުރަސް ބައްތި ބެހެއްޓުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކާއި، އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޤާއިމު ކޮށްދިނުމެވެ. އަދި މީގެ ސަބަބުން މަގު ހުރަސް ކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ވެގެންދާނެއެވެ.

މިގޮތުން މިފަހަރު 9 ސަރަހައްދެއްގައި މަގުހުރަސް ބައްތި ހަރު ކުރުމަށް ހަމަޖެހިފައިވާއިރު، އާއްމުން އެންމެ ގިނައިން ބޭނުން ކުރާ ކަފި ހުރަސްތައް އަދި މަގު ހުރަސް ކުރުމަށް ބޭނުންކުރާ ސަރަހައްދުތައް ދެނެގަނެ މި ތަންތަނަށް އިސްކަން ދެވޭނެއެވެ. ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި 1 ލައިޓް އަދި ހިޔާ ސަރަހައްދުގައި 1 ލައިޓް މިއަދުން ފެށިގެން ބޭނުން ކުރެވިގެން ދާނެއެވެ.

މީގެއިން ކޮންމެ ލައިޓެއްގައި ވެސް ހުންނަ ބަޓަން އަށް ފިތާލުމުން އަމަލުކުރަންވީ ގޮތުގެ އިންޑިކޭޝަން ފެނިގެންދާނެއެވެ. އެގޮތުން ރަތް ބޮކީގައި މަޑުކުރަން، އަދި ހިނގައިގަންނަންވީމައި އޭގެއިން ބުނެދޭނެއެވެ. އެ ބަޓަން އަށް ފިތާލުމުން ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ހުރަސްކުރަން އިންޑިކޭޓް ކުރާއިރު، ހުރަސްކުރުމަށް ވެސް ވަކި ވަގުތެއް ލިބިގެންދާނެއެވެ.

ހުޅުމާލެ ރައްކާތެރި މާހައުލަކަށް ހެދުމުގެ ގޮތުން، ވަކިން ޙާއްސަކޮށް މިހާރުވެސް މަގުމަތީގެ ރައްކާތެރިކަން އިތުރުކޮށް ގިނަ މަސައްކަތްތަކެއް ރޭވިގެން ކުރެވެމުންދެއެވެ. އަދި ހުޅުމާލޭގައި ދިރި އުޅޭ އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ދުޅަހެޔޮ، ހިތްފަސޭހަ ވެއްޓެއް ޤާއިމުކޮށްދިނުމަށް މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާނެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!