ފެނަކައިގެ އެއްވެސް މުވައްޒަފަކު ވައްކަން ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް: ސައީދު

ފެނަކައިގެ އެއްވެސް މުވައްޒަފަކު ވައްކަން ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ފ. ބިލެއްދޫގެ އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ފެނަކައަކީ އެތައް ބަޔަކަށް ނުކުރެވި އޮތް އެތަށް ކަމެއް ކޮށްދީފައިވާ ކުންފުންޏެއް ކަމަށެވެ. އަދި ފެނަކަ އަކީ ވައްކަން ކުރާނެ ތަނެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖުމަންޓުން ކޮރަޕްޝަން ހިންގާ ކަމަށް ބުނެ ދާދި ފަހުން ވަނީ ވާހަކަތަކެއް ފެތުރިފައެވެ. މިކަމާއި ގުޅިގެން ފެނަކައިން ކުރި ޓްވީޓެއްގައި ބުނީ އެ ކުންފުނީގެ މެނޭޖުމަންޓުން ރައްޔިތުންގެ ހައްގަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި އެ ކުންފުނީގެ މެނޭޖުމަންޓުން ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ފެނަކައިން ބުންޏެވެ.