ފައްޔާޒުގެ ދިފާއުގައި ރައީސް: ފައްޔާޒު މަގާމުން ވަކިކުރާ ވަރުގެ އެއްވެސް ކަމެއް ނުކުރައްވާ

އިިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ދިފާއުގައި ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިކުންނަވައިފިއެވެ.
ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތްކަން ހާމަ ކުރައްވާ އެމަނިކުފާނުގެ ދިފާއުގައި ހުންނެވިކަން ރައީސް ހާމަކުރެއްވީ “މިހާރު” ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެގޮތުން ރައީސް ސޯލިހު ވިދާޅުވީ ފައްޔާޒު މަގާމުން ވަކިކުރާ ވަރުގެ އެއްވެސް ކަމެއް މިހާތަނަށް ހިނގާފައި ނެތް ކަމަށާއި އެމަނިކުފާނުގެ ފުރިހަމަ އިތުބާރު ފައްޔާޒަށް އެބައޮތް ކަމަށެވެ.
"އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބަ އޮތް މިނިސްޓަރު ފަޔާއާ ދޭތެރޭގައި. ސަރުކާރުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވުމުގައި މިނިސްޓަރު ފަޔާ ހުންނެވީ." ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެމްބަރުން އިސްނަންގަވައިގެން މިނިސްޓަރ ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް ކުރާމަސައްކަތާ ގުޅިގެން މިއީ ސީދާ ރައީސުލްޖުމުހޫރިއްޔާ އެކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.