ފަނޑިޔާރު ޝުޖާއު އުޘްމާނު މަގާމުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާނު މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސަވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ފަނޑިޔާރު ޝުޖާއު މަޤާމުގައި ހުންނަވައިގެން، ފަނޑިޔާރުންގެ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް އެތައްކަމެއްކޮށް ފާޅުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައި ވާތީ އޭނާ މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައެވެ.
ޝުޖާއުގެ މައްޗަށް ޖޭއެސްސީން ތަހްޤީޤުކުރަމުން ދަނީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް، ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތްކުރުމުގެ އިތުރުން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެ ކަމުގައިވާނަމަ ބަންދުގައި ހުރި މީހާ މިނިވަން ކުރާނެކަމަށް ބުނެ އެކަމުގެ މަޝްވަރާ ކޮށްފައިވާކަމަށް ހުށަހެޅިފައިވާ މައްސަލަތަކެއް ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
ޖޭއެސްސީ ވަނީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 2 މަސްދުވަހަށް ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާނު ސަސްޕެންޑްކޮށްފައެވެ.