ޚަބަރު

ތެލެސީމިއާ ކުދިންގެ ގަޔަށް ޖަހާ ޑެސްފަރޯލް ރާއްޖެއިން ހުސްވެފައިވާ ކަމަށް ބުނެ ގިނަބައެއްގެ ކަންބޮޑުވުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ތެލެސީމިއާ ކުދިންގެ ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ކޮންޓްރޯލްކުރުމަށް ގުޅާ ޑެސްފަރޯލް ރާއްޖެއިން ހުސްވެފައިވާ ކަމަށް ބުނެ ގިިނަބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ޑެސްފަރޯލް ހުސްވެފައިވާ ކަމަށް ބުނެ ފޭސްބުކްގައި ލަވަކިޔުންތެރިޔާ މާއިން ރަޝީދު، ކުރި ޕޯސްޓެެއްގައި ބުނެފައިވަނީ އެންމެ އަވަހަށް ވެސް ޑެސްފަރޯލްގެ އާ ސްޓޮކެއް ލިބެން އިނީ މި މަހުގެ 15 ގައި ކަމަށެވެ. އަދި މި ބޭހަކީ ލިބެން ޖެހޭ ބޭހެއް ކަަމަށް ބުންޏެވެ.

މާއިން ވަނީ ޑެސްފަރޯލަކީ ލިބެންޖެހޭ ބޭހަކަށް ވިޔަސް އެ ބޭސް ނުލިބުމުން ދެން އެ ނުގުޅާ ހުންނަންވީތޯ ސުވާލު އުފައްދައިފައެވެ.

މާއިންގެ އިތުރުން އެމްއެންޕީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވެސް ވަނީ މިކަމާ ކަންބޮޑުވުންފާޅުކޮށްފައެވެ. ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑެސްފަރޯލް ރާއްޖެއިން ހުސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެެވެ.

އަދި ޑެސްފަރޯލް ލިބޭނެ އިންތިޒާމު ވީ އެންމެ އަވަހަށް ހަމަޖައްސައި، ތެލެސީމިއާ ކުދިންގެ ބޭސްތައް ލިބޭނެ ގޮތް ހެދުމަށް ނާޒިމް ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!