ޚަބަރު

ވަކީލުން މާފުށްޓަށް ދިއުމުންވެސް ޔާމީންއާ ބައްދަލެއްނުވި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރައީސް ޔާމީނާ ބައްދަލު ކުރުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން މާފުށްޓަށް ދިއުމުން ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިނުދީ ވަކީލުން އަނބުރާ ފޮނުވާލައިފިއެވެ.

Ads by STELCO

ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ގޮތުގައި ރައީސް ޔާމީނާ ބައްދަލުކުރުމަށް މިއަދު 2:00 އަށް ހަމަޖެހިފައިވާ ކަމަށް ކަރެކްޝަނުން ލިޔުމުން ޖަވާބު ދީފައިވާ ކަމަށާއި އަދި ލިޔުމާ އެއްގޮތަށް މާފުށްޓަށް ދިއުމުން ރަށަށް އަރައި ބައްދަލު ކުރެވޭނޭ އިންތިޒާމު ކަރެކްޝަނުން ހަމަޖައްސައިދީފައި ނުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައީސް ޔާމީނާ ބައްދަލު ނުކުރެވުނު ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވަކީލުންނަށް އެމަނިކުފާނާއި ބައްދަލުނުކުރެވިގެން އުޅެނީ ވަކީލުން ބޭނުންނުވެގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މިއަދު ވިދާޅުވެފައެވެ.

އިމްރާން މިއަދު ވިދާޅުވީ ޔާމީންގެ ވަކީލު ބައްދަލުވުން ހަމަޖައްސަން ރާއްޖޭގެ އެއްވެސް ކޯޓަކުން އޭނާގެ މައްޗަށް އަމުރެއް ނެރުއްވާފައި ނެތް ކަމަށެވެ. އަދި ބައްދަލުވުން ހަމަޖައްސަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްނެގުމަށް ލައްކަ މަސައްކަތް ކުރެވިފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ކަރެކްޝަންސް އިން ބުނީ ވަކީލުންގެ ފަރާތުން ހޯދަންޖެހޭ އެހީތެރިކަން ހޯދުމަށް ޔާމީންގެ ވަކީލުންނާއި އެކަހެރިކޮށް ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުން އެދިފައިވާ ކަމަށެވެ.

އަދި މީގެ ކުރިންވެސް ބައްދަލުވުން ހަމަޖައްސައިދީ ޖަލަށް ވަޑައިގަތުމުން، ބައްދަލުކުރެވޭނެ ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންނަށް ކަރެކްޝަންސް އިން އަންގާފައިވާނެ ކަމަށްވެސް ކަރެކްޝަނުން ބުނެފައިވެއެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!