ބޮލީވުޑް މުނިފޫހިފިލުވުން

ހަތްދިހައިގެ ބަތަލާ ސުލޯޗަނާ ލާޓްކަރު މަރުވެއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބޮލީވުޑްގެ ކުރީގެ ބަތަލާ ސުލޯޗަނާ ވަނީ އުމުރުން 94 އަހަރުގައި މަރުވެފައި

ބޮލީވުޑްގައި 70 ގެ އަހަރުތަކުގައި ރަނިކަން ކުރި ބަތަލާ ސުލޯޗަނާ ލާޓްކަރު އުމުރުން 94 އަހަރުގައި މަރުވެއްޖެއެވެ.

Ads by Sosun Fihaara

އިއްޔެގެ ވަގުތެއްގައި ސުލޯޗަނާ މަރުވީ މުސްކުޅި ބަލީގައެވެ. ފާއިތުވެ ދިޔަ މަސްތަކުގައި އޭނާއަށް ނޭވާލުމުގެ މައްސަލަތަކެއް ކުރިމަތިވެގެން އުޅުނުކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭގެ ފަހުން އޭނާ އޮތީވެސް ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

ސުލޯޗަނާ ވަނީ 50 ގެ ފަހުކޮޅު ބޮލީވުޑަށް ނިކުމެ 80 ގެ ފަހުކޮޅާއި ހަމައަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އޭނާގެ ފިލްމީ ހަޔާތުގައި ހިންދީ އަދި މަރާޓީ ބަހުރުވައިން 250 އަށްވުރެއް ގިނަ ފިލްމު ކުޅެފައިވެއެވެ.

އޭނާގެ ބައެއް މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ސުޖާތާ"، "ނަޔާ ގަދަމް"، "ދުނިޔާ ނަ މާނޭ"، "ދަރުމަތުރާ"، "ޔާރާނާ"، އަދި "އާޝާ" ފަދަ ފިލްމުތައް ހިމެނެއެވެ. އޭނާގެ ފިލްމީ ކެރިއަރުގެ ފަހުކޮޅު ބޮޑަށް މަޝްހޫރުވެގެން ދިޔައީ އެކްޓަރު އަމީތާބު ބައްޗަންގެ މަންމަގެ ރޯލުތަކުން ތަރުހީބު ހޯދައިގެންނެވެ.

ސުލޯޗަނާ އަކީ މަރާޓީ ސިނަމާގައި ލެޖެންޑެއްގެ ގޮތުގައި ބުނެވެއެވެ. އެއީ އޭނާއަކީ މަރާޓީ ސިނަމާގައި އެންމެ ވަރުގަދަ ރޯލުތައް ކުޅުނު ފުރަތަމަ ބަތަލާއަށް ވާތީއެވެ.

ސުލޯޗަނާގެ ޖަނާޒާ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދުއެވެ. މިކަމަށްޓަކައި ބާއްވާ ރަސްމިއްޔާތުގައި ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ބައިވެރިވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!