މުޖުތަމައުގެ އެކި ކަންކަމުގައި ވޮލަންޓިއަރ ކުރާ ކުދިން ނަފްސާނީގޮތުން ދުޅަހެޔޮ: ދިރާސާ
ދާދި ފަހުން ޔޫޓީހެލްތު ހުސްޓަން އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ވޮލަންޓިއަރ ކުރާ ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ކުރިއަރަ އެވެ. ޔޫޓީހެލްތު ހުސްޓަން ސްކޫލް އޮފް ޕަބްލިކް ހެލްތުގެ އެސިސްޓެންޓް ޕްރޮފެސަރ އޮފް އެޕިޑެމިއޮލޮޖީ، ހިއުމަން ޖެނެޓިކްސް، އަދި އެންވަޔަރަންމަންޓަލް ސައިންސް ކެވިން ލަންޒާ، އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދިޔަ މި ދިރާސާ ދާދި ފަހުން ވަނީ ޖާމާ ނެޓްވޯކް އޯޕަންގައި ޝާއިއުކޮށްފަ އެވެ. ޖުމްލަކޮށް ބަލާއިރު، ރިސާޗް ޓީމުން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި ފާއިތުވި އަހަރު ވޮލަންޓިއަރ ކުރި ޒުވާނުންގެ ޖިސްމާނީ ގޮތުން ސިއްހަތު ރަނގަޅުވެ، ދިރިއުޅުމަށް ރަނގަޅު ނަޒަރަކުން ބަލާއިރު، ހާސްކަމާއި ޑިޕްރެޝަން ނުވަތަ ސުލޫކީ މައްސަލަތައް ދިމާވުމުގެ ފުރުސަތު ކުޑަ އެވެ .
ވޮލަންޓިއަރ ކުރި ކުދިންގެ ބެލެނިވެރިން، ވޮލަންޓިއަރ ނުކުރާ ކުދިންގެ ބެލެނިވެރިންނާ އަޅާބަލާއިރު ދަރިފުޅުގެ ސިއްހަތު "ވަރަށް ރަނގަޅު" އިން ފެށިގެން "މޮޅު" ކަމަށް ބުނުމުގެ ފުރުސަތު %33 އިތުރުވެފައިވެ އެވެ.
"މި ދިރާސާގެ ނަތީޖާތަކުން ޒުވާނުންގެ ވޮލަންޓިއަރިން އަކީ ވިން-ވިން އަކަށް ވެދާނެ ކަމުގެ އުންމީދު ގެނެސްދޭ. ޒުވާނުން މުޖުތަމައަށް ޚިދުމަތް ކުރަމުންދަނީ އަމިއްލަ ފައިދާއަށް" އޮސްޓިންގައި ދިރިއުޅޭ ލަންޒާ ވިދާޅުވި އެވެ.
ވޮލަންޓިއަރުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ހެޔޮ އަސަރުތައް ރަނގަޅަށް ދެނެގަނެވިފައިވާއިރު، ކުދި ސާމްޕަލް ސައިޒުތަކާއެކު މާޒީގެ ދެ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ފުރާވަރު ކުދިންގެ ތެރެއިން ވޮލަންޓިއަރުންގެ ސިއްހަތު ރަނގަޅެވެ. އަދި ސްކޫލުގައި އެހެން ކުދިންނާއި އެކުވެރިވެ ގާތް ގުޅުމެއް އުފައްދަ އެވެ.
ވޮލަންޓިއަރ މަސައްކަތް ކުރި ކުދިންނާއި ފުރާވަރުގެ ކުދިން "ފުރިހަމަ" ވުމުގެ ފުރުސަތު %66 އިތުރެވެ. ކުދިންގެ ޝައުގުވެރިކަމާއި، މަސައްކަތްތައް ފުރިހަމަ ކުރަން ޝައުގުވެރިވުމާއި، ގޮންޖެހުންތަކާ ކުރިމަތިލާއިރު ހަމަޖެހިލައިގެން ހުރުމުގެ ގާބިލްކަމާ ބެހޭ ސުވާލުތަކަށް ބެލެނިވެރިން ޖަވާބު ދިން ގޮތަށް ބަލައިގެން މިކަން ވަނީ ދެނެގަނެވިފަ އެވެ.
ވޮލަންޓިއަރ މަސައްކަތްތަކަށް ރާއްޖޭގައިވެސް ވަނީ ގިނަ ފުރުސަތުތަކެއް ހުޅުވިފަ އެވެ. އެގޮތުން ސްކޫލު ދައުރުގައި ކަބްސްކައުޓު، ސްކައުޓު، ކެޑޭޓް، ލިޓްލް މެއިޑްސް، ގާލްގައިޑް ފަދަ އެސޯސިއޭޝަންތަކުން ކުދިންނަށް ހުނަރުތައް ދަސްކޮށްދީ މުޖުތަމައުގެ އެކި ކަންްކަމުގައި މަސްއޫލުވެ އުޅެން ދަސްކޮށްދެ އެވެ. ރެޑް ކްރެސެންޓުގެ ނަމުގައި ހިންގާ ޖަމިއްޔާއިންވެސް ވޮލަންޓިއަރ ކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލައިފަ އެވެ.